މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ޖަމާޢަތުގެ ފައިދާއަށް މަސައްކަތް ކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް މާލީ އެހީ ދިނުމުގެ އުޞޫލު (ޑްރާފްޓް)

26 ސެޕްޓެމްބަރ 2022     


ޖަމާޢަތުގެ ފައިދާއަށް މަސައްކަތް ކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް މާލީ އެހީ ދިނުމުގެ އުޞޫލު

1. ތަޢާރަފް:

(ހ) މިއީ، ޤާނޫނު ނަންބަރު 2020/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުމުގެ ގޮތުން ޖަމްޢިއްޔާ ޖަމާޢަތްތަކުން ހިންގާ މަޝްރޫޢުތަކަށް ކައުންސިލްގެ ބަޖެޓުން މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ކައުންސިލުން ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ "ޖަމާޢަތުގެ ފައިދާއަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް މާލީ އެހީ ދިނުމުގެ އުޞޫލު" މިހެންނެވެ.

2. މަޤްޞަދް:

       މި އުޞޫލުގެ ދަށުން ޖަމްޢިއްޔާ ޖަމާޢަތްތަކަށް މާލީ އެހީ ދިނުމުގެ މައިގަނޑު މަޤްސަދަކީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ޙަރަކާތްތެރިކަން އިތުރުކޮށް، ރަށުގެ ތަރައްޤީއާއި ޖަމާޢަތުގެ ފައިދާއަށްޓަކައި އެފަދަ ފަރާތްތަކުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ކައުންސިލުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަމަހަމަ ކަމާއެކު ހަރުދަނާ އުޞޫލަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

3. އެހީ ދޫކުރެވޭނެ ފަރާތްތައް:

       (ހ) މި އުޞޫލުގެ ދަށުން އެހީ ދޫކުރެވޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެ، އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކުގައިވާ ކަންކަން ފުރިހަމަކޮށްފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން އެހީއަށް އެދި ހުށަހެޅުމަށް އިއުލާނު ކުރުމުން އެކަމަށް އެދި ހުށަހަޅާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ހޮވާލެވޭ ޖަމްއިއްޔާ ނުވަތަ ޖަމާޢަތަކަށެވެ.

       (ށ) ސްކޫލުގެ ޕީޓީއޭ އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ފަދަ ރަށުގެ ތަރައްޤީއަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް މިއިން އިސްތިސްނާ ވެގެންވެއެވެ.

4. އެހީ ފޯރުކޮށްދޭ ދާއިރާތައް:

       (ހ) އެހީ ފޯރުކޮށްދޭ މައިގަނޑު ދާއިރާތަކަކީ ތަޢުލީމު، ކުޅިވަރު، ޢުމްރާނީ ތަރައްޤީ، ތިމާބެށި، ސިއްޙަތު، ތަމްރީނާއި ހުނަރު، މުނިފޫހި ފިލުވުމާއި ސަޤާފަތެވެ.

       (ށ) މި މާއްދާގެ (ހ) ގައިވާ ދާއިރާތަކުގެ އިތުރުންވެސް އެހީއަށް އެދި ހުށަހެޅުމަށް ކައުންސިލްގައި މަޝްވަރާކޮށް، ދާއިރާތައް އިތުރުކުރެވިދާނެއެވެ.

5. އެހީގެ މިންވަރު:

       (ހ) ކައުންސިލްގެ އާމްދަނީއަށް ބަލައި ޖަމާޢަތުގެ ފައިދާއަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް މާލީ އެހީދޭނެ މިންވަރެއް ކޮންމެ އަހަރަކު ކައުންސިލުން ކަނޑައަޅަންވާނެއެވެ.

       (ށ) ކޮންމެ އަހަރަކު ކައުންސިލުން މާލީއެހީ ދިނުމަށް ކަނޑައަޅާ ބަޖެޓުގެ %50 (ފަންސާސް އިންސައްތަ) ކަނޑައަޅަންވާނީ އުމްރާނީ ތަރައްޤީގެ މަޝްރޫޢަކަށެވެ. އަދި މިކަމަށްޓަކައި ކައުންސިލުން އާންމުކޮށް ހުވާލައިގެން އިއުލާނުކުރަން ވާނެއެވެ.

       (ނ) މި މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ %50 (ފަންސާސް އިންސައްތަ) ނެގުމަށްފަހު ބާކީވާ %50 (ފަންސާސް އިންސައްތަ) ޚާއްސަވާނީ އެހީ ދިނުމަށް ކަނޑައެޅިފައިވާ އެހެނިހެން ދާއިރާތަކަށެވެ.

6. އެހީއަށް އެދި ހުށަހެޅުން:

       (ހ) ރަށަށް ނިސްބަތްވާ ޖަމްޢިއްޔާ ޖަމާޢަތް، ކުލަބު، އެސޯސިއޭޝަން، ފަދަ ރަށުގެ ތަރަށްޤީއަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީއަށް އެދެވިދާނެއެވެ.

       (ށ) އެހީ ހޯދުމަށްއެދި ހުށަހަޅާނީ އެ މަޝްރޫއަކާ ބެހޭ އެންމެހާ މައުލޫމާތެއް ހިމެނޭ ޕްރޮޕޯސަލެއް ހުށަހަޅައިގެންނެވެ. މި ޕްރޮޕޯސަލް އޮންނަންވާނީ ކައުންސިލުން ކަނޑައަޅާ ފޯމެޓަކަށެވެ. އަދި ޕްރޮޕޯސަލާއެކު ބޭނުންވާ ހުރިހާ ލިޔުންތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

       (ނ) މި އުސޫލުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަޝްރޫއަށް އެހީއަށް އެދި ހުށަހަޅަންވާނީ ކައުންސިލުން އެފަދަ މަޝްރޫޢުތައް ހިންގުމަށް އާންމުކޮށް އިޢުލާނުކޮށް ހުޅުވާލުމުންނެވެ.

       (ރ) މި ޢުޞޫލުގެ ދަށުން ކައުންސިލްގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ، މީލާދީ ގޮތުން 01 (އެކެއް) އަހަރުވެފައިވާ ޖަމްޢިއްޔާ ތަކަށެވެ. އެގޮތުން އެހީއަށް އެދި ހުށަހަޅާއިރު، ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަހެޅިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

7. އިވެލުއޭޓްކޮށް އެވޯޑް ކުރުން:

       މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ އެހީއަށްއެދި ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް އޭގެތެރެއިން (ބަޖެޓަށާއި ޕްރޮޖެކްޓްގެ މުހިންމުކަމަށް ބަލައި) ހޮވާލެވޭ މަޝްރޫޢުތަކަށެވެ.

8. އިވެލިއޭޝަން ކޮމިޓީ އެކުލަވާލުން:

       ޖަމާޢަތުގެ ފައިދާއަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުން މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް އިވަލުއޭޓްކުރުމަށް ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން މިނިވަން މުސްތަޤިއްލު ކޮމިޓީއެއް އެކުލަވާލަން ވާނެއެވެ.

 

 

9. ދެފަރާތުގެ ދެމެދުގައި އެއްބަސްވުން އެކުލަވާލުން:

       މި އުޞޫލުގެ ދަށުން އެހީ ދޫކުރެވޭ ފަރާތާއި ކައުންސިލާއި ދެމެދު، އެހީ ދިނުމާއި ބެހޭގޮތުން އެއްބަސްވުމެއްގައި ސޮއިކުރަން ވާނެއެވެ. އެގޮތުން އަންނަނިވި ކަންކަން އެއްބަސްވުމުގައި ހިމަނަންވާނެއެވެ.

9.1. ފައިސާގެ އެހީ އިން ހިންގާ މަޝްރޫޢު / މަޝްރޫޢުގެ ނަން

9.2. މަޝްރޫޢުގެ މުއްދަތު

9.3. ފައިސާގެ އެހީ ދޭ އަދަދު

9.4. ފައިސާގެ އެހީ ދެވޭގޮތް

9.5. އެހީ ލިބޭ ފަރާތުގެ ޒިންމާތައް

9.6. އެހީ ދޭ ފަރާތުގެ ޒިންމާތައް

9.7. އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ ނުވަތަ އުވާލެވޭނެ ޙާލަތްތައް

9.8. އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެގޮތް

10.  އެހީދިނުމުގައި ބަލާ ކަންތައްތައް:

       އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައިވާ މަޢުލޫމާތުގެ އަލީގައި އެހީދިނުމާމެދު ގޮތެއް ނިންމަންވާނީ އެކަމަށްޓަކައި ކައުންސިލުން އެކުލަވާލާ މިނިވަން އިވެލުއޭޝަން ކޮމިޓީ އަކުންނެވެ. އެހީ ދިނުމަށް ނިންމުމުގައި ތިރީގައިވާ ކަންތައްތަކަށް ބަލާނެއެވެ.

10.1. ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ މުއްދަތާއި ބަޖެޓުގެ ތެރޭގައި ޙަރަކާތުގެ ހުރިހާކަމެއް ފުރިހަމަކުރެވުން.

10.2. ހުށަހަޅަފައިވާ ހަރަކާތް ހިންގުމުގެ މައިގަނޑު މަޤުޞަދު

10.3. ހުށަހަޅާފައިވާ ހަރަކާތުން ވާފައިދާ، ރަށުގެ އުމްރާނީ، އިޖްތިމާޢީ ތަރައްޤީއަށް އެކަމުގެ ސަބަބުން އަންނަ ބަދަލު އަދި ފައިދާވާ މީހުންގެ އަދަދު ނުވަތަ ނިސްބަތް

10.4. ހަރަކާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާގޮތުގެ ޕްލޭން

10.5. ހަރަކަތް ހިންގުމުގެ ކުރިން އެތަނެއް ނުވަތަ ކަމެއް އޮތްގޮތުގެ ހާލަތު

10.6. އެހީ ބޭނުންކޮށްގެން ހިންގާ ހަރަކާތުގެ ދެމެހެއްޓެނިވިކަން

10.7. ހުށަހަޅާފަރާތުން ހިއްސާގެ މިންވަރު

10.8. ހިންގާ ޙަރަކާތާއި ކައުންސިލްގެ ތަރައްޤީގެ ޕްލޭނާއި ހުރި ގުޅުން

10.9. މުޖުތަމަޢުގެ ބައިވެރިވުން އޮތް މިންވަރު

11. ފައިސާ ދޫކުރުން:

       (ހ) މި އުސޫލުގެ ދަށުން ޖަމްޢިއްޔާ/ޖަމާޢަތްތަކަށް ދޭ  ފައިސާ ޖަމާކޮށްދޭނީ އެ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށެވެ.

       (ށ) މާލީ އެހީ ދެވޭނީ ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

       (ނ) އެހީތެރިކަން ފޯރުކޮށްދޭ މަޝްރޫޢުތަކަށް ފައިސާ ދޫކުރާނީ ހުށަހަޅާ ޕްރޮޕޯސަލަށް ބަލައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ވޯރކް ޕްލޭނަށް ބަލައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

12. މޮނިޓަރ ކުރުމާއި ރިޕޯޓުކުރުން:

މި އުޞޫލުގެ ދަށުން އެހީދެވޭ މަޝްރޫޢުތައް ކުރިއަށް ގެންދޭތޯ ބަލާ މޮނިޓަރ ކުރާނީ ކައުންސިލުންނެވެ. މަޝްރޫޢުތަކުގެ ޕްރޮގްރެސް ރިޕޯޓާއި ލިޔެކިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. މަޝްރޫޢު ނިމުމުން މަޝްރޫޢު ނިންމިގޮތް ބަޔާންކޮށް ކަމާބެހޭ ތަފްސީލީ ރިޕޯޓެއް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

13. މި އުޞޫލުގައި ނެތް ކަމެއް ދިމާވުމާއި ބަދަލުގެނައުން:

       މި އުޞޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. މި އުޞޫލަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ލިބިގެންވަނީ ހަމައެކަނި މުލަކަތޮޅު ކޮޅުފުށީ ކައުންސިލަށެވެ. އެއްވެސް ހާލަތެއް މެދުވެރިވެ މި އުޞޫލަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ނުވަތަ އުޞޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމެއް އުޞޫލުގައި ހިމަނާ ގެޒެޓް ކުރަންވާނެއެވެ.

14. ޢަމަލުކުރަން ފެށުން:

       މި އުޞޫލަށް ޢަމަލުކުރަން ފަށާނީ މި އުޞޫލު، ކައުންސިލުން ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

15. މާނަކުރުން:

       (ހ) މިނިވަން: މި ރަށުގައި ހަރަކާތްތެރިވާ އެއްވެސް ޖަމްޢިއްޔާ ޖަމާޢަތެއްގެ މެންބަރެއްކަމުގައި ނުވުން.

26 ސެޕްޓެމްބަރ 2022

 

 

ހުށަހަޅަންޖެހޭ ތަކެތީގެ ޗެކް ލިސްޓް

1. ކައުންސިލުން ކަނޑައަޅާފައިވާ ފޯމެޓާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް

2. ރަޖިސްޓްރީ ކޮޕީ (ޖަމްޢިއްޔާ، އެސޯސިއޭޝަން، ކުލަބެއް ނަމަ)

3. ސްކޫލް ޕީ. ޓީ. އޭ ނަމަ ސްކޫލުގެ ލިޔުމެއް

4. ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަހެޅިކަމުގެ ލިޔުން (ޖަމްޢިއްޔާ، އެސޯސިއޭޝަން، ކުލަބެއް ނަމަ)




ބާވަތް: އުސޫލު / ޤަވާއިދު

ދައުރު: 4 ވަނަ ދައުރު

ނަންބަރ:

ތާރީޚް: 26/09/2022