މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރެއްވުން

16 ޖުލައި 2021      2 years ago


މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރެއްވުން

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުލައި މަހުގައި ކައުންސިލުން ބާއްވާންޖެހޭ ރައްޔިތުންގެ ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުކުރެއްވުން އޮތީ 15 ޖުލައި 2021 ވި ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ކޮޅުފުށީ ޕްރީސުކޫލުގައެވެ.  މިބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސް ވިދާޅުވީ، 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލް އަދި ޑިވެލޮޕްމެންޓް ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި މި މަސައްކަތުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކައުންސިލުން ހޯއްދަވާނެ ކަމުގައެވެ. އަދި 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލް އަދި ޑިވެލޮޕްމެންޓް ޕްލޭން ފާސްވުމުން ކައުންސިލުން ރައްޔިތުންނާއި ހިއްސާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، 2022 ވަނަ އަހަރަށް ލަފާކުރާ ކައުންސިލުގެ ބަޖެޓަކ 6.5 މިލިއަން ރުފިޔާ ކަމުގައި ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ރައީސްގެ ވާހަކަފުޅުގައި 2021 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލުން ކުރި މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރައްވާ ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން 2021 ވަނަ އަހަރުގެ ފުރަތަމަ 06 މަސް ދުވަހަކީ ނަތީޖާ ނެރުމަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްތަކެއް ކަމަށާއި، އެހެންކަމުން ނަތީޖާ ހާސިލްވި މިންވަރު ވަރަށް ދަށްކަމުގައެވެ. އެހެންނަމަވެސް، މާތްﷲ ގެ އިރާދަފުޅާއިއެކު ކުރިއަށްހުރި ދުވަސްތަކަކީ ގޮންޖެހުންތަކުން އަރައިގަނެ، ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވާނެފަދަ ދުވަސްތަކަކަށް ވާނެކަމުގައި އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެ، 2021 ވަނަ އަހަރުގެ ފަހު 06 މަސްދުވަހު ކައުންސިލުން ކުރުމަށް ރާވައިފައިވާ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސް ވިދާޅުވީ، ކޮޅުފުށީ ކައުންސިލަށް އެބޭފުޅުން އިންތިޚާބުވެ ކައުންސިލާއި ހަވާލުވިތާ މިވީ މަދުދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންނަށް އުންމީދީ ތަސްވީރެއް ކުރަހާލެވިއްޖެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށާއި، މުސްތަޤުބަލުގައި ރަށުގެ ތައްޤީއާއި ކުރިއެރުމަށް ރައްޔިތުން ހިތްހަމަޖެހޭފަދަ ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިބައްދަލުކުރެއްވުމުގައި ހިމެނޭ ތާރީޚީ ކަމެއްގެގޮތުގައި މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ ވެބްސައިޓް ވަނީ އިފްތިތާޙު ކުރެވިގެން ގޮސްފައެވެ. އަދި ހަމައެހެންމެ، ރައްޔިތުންގެ ފަރާތުން ކައުންސިލާއި ކުރެއްވި ސުވާލުތަކަށް ކައުންސިލުގެ ރައީސް ވަނީ އުންމީދީ ޖަވާބުތަކެއް ދެއްވަވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމާލެވިފައިވަނީ ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް އެރުވުނު ވަރަށް ޚާއްސަ ބިލެތްމީރު ކޮށްލެވުމަކާއި އެކުއެވެ.