މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީގެ އައުޓް-ޑޯ ޖިމް "ދުޅަހެޔޮ މައިޒާން" ރަސްމީކޮށް ހުޅުވައިފި

11 ނޮވެމްބަރ 2021      2 years ago


މ.ކޮޅުފުށީގެ އައުޓް-ޑޯ ޖިމް "ދުޅަހެޔޮ މައިޒާން" ރަސްމީކޮށް ހުޅުވައިފި

މ.ކޮޅުފުށީ ކައުންސިލްގެ ފަރާތުން ތަރައްގީކުރި އައުޓް-ޑޯ ޖިމު ރަސްމީކޮށް ހުޅުވައިދެއްވީ މ.ކޮޅުފުށްޓަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއްކަމުގައިވާ އަލްފާޟިލް މުޙައްމަދު މޫސާފުޅެވެ. ކޮޅުފުށީ ސިއްހީމަރުކަޒުގެ އިރުވައިން އޮތް ހުސްޖާގައިގައި ތަރއްގީކުރެވިފައިވާ "ދުޅަހެޔޮ މައިޒާން" ހުޅުވިގެންދިޔައީ، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި އައުޓް-ޑޯ ޖިމުގެ ނަންބޯޑުގެ ފަރުދާ، އަލްފާޟިލް މުޙައްމަދު މޫސާފުޅެ ކައްސަވާލަ ދެއްވުމުންނެވެ.

މި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް އަބްދުލްއަލީމް ދެއްކެވި ވާހަކަފުޅުގައި، މިތަން ތަރައްގީކުރުމުގެ އެންމެބޮޑު ބޭނުމަކީ، ރަށުގެ ރައްޔިތުންގެ ދުޅަހޮޔޮ ދިރިއުޅުމަކަށް އިތުރު ވަސީލަތެއް ގާއިމުކޮށްދިނުން ކަމުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ވަސީލަތްތަކުގެ ބޭނުންހޮޔޮގޮތުގައި ހިފުމަށާއި މިތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަށް އެންމެހާ ރައްޔިތުންވެސް މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއީ މިރަށުގައި ގާއިމްކުރެވުނު މިފަދަ ފުރަތަމަ ވަސީލަތްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދުޅަހެޔޮ މައިޒާން ތަރައްގީކުރުމަށް ކައުންސިލުން 129,950.00 (އެއްލައްކަ ނަވާވީސް ހާސް ނުވަ ސަތޭކަ ފަންސާސް) ރުފިޔާ ހަރަދު ވެފައިވެއެވެ.