މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ދީނީ ސުވާލު މުބާރާތުގެ އުޞޫލް 1444

22 މާރޗް 2023     


މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ދީނީ ސުވާލު މުބާރާތުގެ އުޞޫލް 1444

 

  1. ތަޢާރަފް:

މިއީ މ.ކޮޅުފުށީ ރަށްވެހިންނަށާއި، މ.ކޮޅުފުށީގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިގެން މ.ކޮޅުފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދީނީ ސުވާލު މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތުގެ އުޞޫލެވެ.

 

  1. މުބާރާތުގެ ނަން:

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ދީނީ ސުވާލު މުބާރާތް 1444

 

  1. މުބާރާތުގެ މަޤްސަދު:

މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަޤުޞަދަކީ މ.ކޮޅުފުށީ ރަށްވެހިންނާއި، ކޮޅުފުށީގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ލޯބިޖައްސައި، ދީނީ ޢިލްމު ފެތުރުމެވެ.

 

  1. މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތް:

މި މުބާރާތް ކުރިއަށް ގެންދެވޭނީ ކޮޅުފުށީ ކައުންސިލްގެ ކޮމިޔުނިޓީ ވައިބަރ ގުރޫޕް މެދުވެރިކޮށް އޮންލައިންކޮށެވެ.

 

  1. މުބާރާތުގައި ބައިވެރިވުން:

މުބާރާތުގައި ކުރެވޭ ސުވާލުތަކުގެ ޖަވާބު ފޮނުވުމުން މުބާރާތުގައި ބައިވެރިވެވުނީ ކަމުގައި ބެލެވޭނެއެވެ. ޖަވާބު ފޮނުވަންވާނީ ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރު ހިމަނައިގެންނެވެ.

 

  1. މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް:

ހ. މި މުބާރާތުގައި ބައިވެރިވެވޭނީ މ.ކޮޅުފުށީގެ ރަށްވެހިންނަށާއި، މ.ކޮޅުފުށީގައި ދިރިއުޅޭ ފަރާތްތަކަށެވެ.

ށ. (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލް އިދާރާގެ މުވައްޒަފުންނަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ނ. މީގެއިތުރުން، ކައުންސިލް އިދާރާގެ އެއްވެސް މުވައްޒަފެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

 

 

 

  1. މުބާރާތުގައި ހޮވޭނެ ވަނަތައް:

ހ. 1 ވަނަ

ށ. 2 ވަނަ

ނ. 3 ވަނަ

 

  1. މުބާރާތުގައި ވަނަ ހޮވުމުގައި ޢަމަލުކުރާނެގޮތާއި، ވަނަތަކަށް ކަނޑައެޅިފައިވާ އިނާމުތައް:

ހ. މުބާރާތުގައި އެއްވަނައަށް ހޮވޭނީ އެންމެ ގިނަ ސުވާލުތަކުގެ ޖަވާބު ރަނގަޅުކޮށްފައިވާ ފަރާތެވެ. އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ރަނގަޅު ޖަވާބު ދިމާކުރައްވައިގެން އެއްވަރުވެފައި ވާނަމަ، އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނީއެވެ.

ށ. އެއްވަނައަށް 1500.00 (ފަނަރަ ސަތޭކަ) ރުފިޔާ

ނ. ދެވަނައަށް 1000.00 (އެއް ހާސް) ރުފިޔާ

ރ. ތިންވަނައަށް 500.00 (ފައްސަތޭކަ) ރުފިޔާ

 

  1. މުބާރާތުގެ އިންތިޒާމް ކޮމިޓީ:

ހ. މި މުބާރާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިންތިޒާމް ކޮމިޓީއެއް ކަނޑައަޅަން ވާނެއެވެ. އިންތިޒާމް ކޮމިޓީ އެކުލެވިގެންވަނީ ކައުންސިލްގެ 2 މެންބަރުންނާއި، އިދާރީ 3 މުވައްޒަފުންގެ މައްޗަށެވެ.

ށ. މުބާރާތުގައި ކުރާނެ ސުވާލުތައް ތައްޔާރުކޮށް މުބާރާތް ކުރިއަށް ގެންދިއުމުގެ އެންމެހާ ކަންކަމާއި، ވަނަވަނައަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީވެސް މުބާރާތުގެ އިންތިޒާމް ކޮމިޓީންނެވެ.

 

  1. މުބާރާތުގައި ސުވާލުކުރެވޭނެ ގޮތާއި ޖަވާބު ފޮނުވާނެ ގޮތް:

ހ. މުބާރާތުގައި ކުރެވޭނީ 29 ސުވާލެވެ. މި ސުވާލުތައް ކުރެވޭނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު އެއް ސުވާލެވެ.

ށ. ކޮންމެ ދުވަހެއްގެ ސުވާލު އެދުވަހެއްގެ 00:00 ގެ ފަހުން ކައުންސިލްގެ ކޮމިޔުނިޓީ ވައިބަރ ގުރޫޕުގައި ޕޯސްޓް ކުރެވޭނެއެވެ.

ނ. ކޮންމެ ދުވަހަކުވެސް ކުރެވޭ ސުވާލުގެ ޖަވާބު އެދުވަހެއްގެ 23:59 ގެ ކުރިން 9824582 މި ނަންބަރަށް ފޮނުވަން ވާނެއެވެ. އޭގެފަހުން ފޮނުވާ ޖަވާބު ބަލައެއް ނުގަނެވޭނެއެވެ.

ރ. ކޮންމެ ދުވަހެއްގެ ސުވާލުގެ ރަނގަޅު ޖަވާބު ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލްގެ ކޮމިޔުނިޓީ ވައިބަރ ގުރޫޕުގައި ޕޯސްޓް ކުރެވޭނެއެވެ.

ބ. ޖަވާބު ފޮނުވާއިރު ސުވާލާއެކުގައި ދެވިފައިވާ އިރުޝާދާއި އެއްގޮތް ނޫންގޮތަށް ފޮނުވާ ޖަވާބެއް ބަލައެއް ނުގަނެވޭއެވެ.

ޅ. ޖަވާބު ފޮނުވާނީ އެސް.އެމް.އެސް މެދުވެރިކޮށެވެ. (ޖަވާބު ފޮނުވަންވާނީ ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރު ހިމަނައިގެންނެވެ)




ބާވަތް: އުސޫލު / ޤަވާއިދު

ދައުރު: 4 ވަނަ ދައުރު

ނަންބަރ: (PP)367/367/2023/1

ތާރީޚް: 22/03/2023