މ.ކޮޅުފުށީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް
1. ގޯތި ދޫކުރުން
މިއުޞޫލަކީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ހުއްދައިގެ ދަށުން، މުލަކަތޮޅު ކޮޅުފުށީގައި މިހާރު އެޅުމަށް ހަމަޖެހިފައިވާ 100 (ސަތޭކަ) ހައުސިންގ ޔުނިޓް ޕްރޮޖެކްޓުގެ ދަށުން ގެވަޅުތަކުގައި ގެއަޅާ 67 (ފަސްދޮޅަސް ހަތް) ފަރާތަށްވާ ޖާގަ (ސްލޮޓްތަށް) ދޫކުރުމަށްފަހު ބާކީއޮތް 33 (ތިރީސް ތިނެއް) ޖާގައަށް ގޯތި ދޫކުރުމުގައި އަމަލުކުރާނެގޮތުގެ އުޞޫލެވެ. މިގޮތުން މި އުސޫލުގެ ދަށުން ގޯތި ދޫކުރެވޭ ފަރާތްތައް މިހާރު އެޅުމަށް ހަމަޖެހިފައިވާ 100 (ސަތޭކަ) ހައުސިންގ ޔުނިޓު ޕްރޮޖެކްޓުގެ ދަށުން ގެއެޅުން ލާޒިމުވާނެއެވެ.
މިއުޞޫލުގެ ދަށުން މ.ކޮޅުފުށިން ގޯތިދޫކުރާނީ، މ.ކޮޅުފުށީ ކައުންސިލްގެ އިދާރާއިން ގޯތިދޫކުރުމަށް އިޢުލާން ކުރުމުން، އެކަމަށް އެދޭ، ގޯތި ލިބުމުގެ ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، ޕޮއިންޓް ލިބިފައިވާ ތަރުތީބަށް ބަލައި، ކޮންމެ ސަރަޙައްދަކުންވެސް އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށެވެ. އަދި ދޫކުރަން ހަމަޖައްސާފައިވާ ގޯތިތަކުގެ ތެރެއިން އެންމެ ފަހު ގޯއްޗަށް / ގޯތިތަކަށް ވާދަކުރާ، އެއްފަރާތަށްވުރެ ގިނަފަރާތް ހިމެނޭކަމުގައިވާނަމަ، އެ ގޯތި ލިބޭފަރާތް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. ކޮންމެ ފަރާތަކަށްވެސް ފޯމުލެވޭނީ ކޮންމެވެސް އެއްސަރަޙައްދަކަށެވެ.
ގޯތި ލިބޭ މީހުން ކަނޑައެޅުން. 2
ގޯތި ލިބޭމީހުން ކަނޑައަޅާނީ އެކަމަށް އައްޔަންކުރާ 5 (ފަހެއް) މެންބަރުންގެ ކޮމެޓީއަކުންނެވެ. އެކޮމެޓީއަށް މެންބަރުން އައްޔަންކުރާނީ ގޯތި ހޯދުމަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނާއި ޢާއިލީގޮތުން ގުޅުން ނެތް، ތިރީގައި ދަންނަވާ ދާއިރާތަކުންނެވެ.
2.1( މ.ކޮޅުފުށީ ކައުންސިލުން ކަނޑައަޅުއްވާ، އެކައުންސިލްގެ މެންބަރެއް
2.2( މ.ކޮޅުފުށީ ކައުންސިލުން ކަނޑައަޅުއްވާ، އެކައުންސިލް އިދާރާގެ މުވައްޒަފެއް.
2.3( މ.އަތޮޅު މަދަރުސާއިން ކަނޑައަޅުއްވާ، އެ ސްކޫލްގެ މުވައްޒަފެއް.
2.4( މ.ކޮޅުފުށީ ސިއްހީ މަރުކަޒުން ކަނޑައަޅުއްވާ، އެ މަރުކަޒުގެ މުވައްޒަފެއް.
2.5( މ.ކޮޅުފުށީ ޢާންމު ރައްޔިތެއް (ޢާންމުކޮށް ހުޅުވާލުމަށްފަހު ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، އެހެންނަމަވެސް އިއުލާނުކުރުމުން މެންބަރަކު ނުލިބިއްޖެނަމަ އެމަގާމަށް މ.ކޮޅުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން ބޭފުޅަކު ކޮމެޓީގެ މެންބަރެއްގެ ގޮތުގައި ކަނޑައަޅާނީއެވެ)
3. ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދޭ ފަރާތުގެ ހުންނަންވާ ޝަރުތުތައް
(3.1 ދިވެހި ރައްޔިތެއް ކަމުގައިވުން.
(3.2 އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން. (ގޯތި ދޫކުރަން އިޢުލާންކުރާ ތާރީޚާއި ހަމައަށް 18 އަހަރު ފުރިފައިވާ)
(3.3 ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
(3.4 އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން. ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދޫކޮށްލުން.
(3.5 ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން. ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 02 (ދޭއް) އަހަރަށްވުރެ ގިނަދުވަސްވެފައިވުން.
(3.6 އެއްމެދު ޢިމާރާތެއް، ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން. ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 02 (ދޭއް) އަހަރަށްވުރެ ގިނަދުވަސްވެފައިވުން.
4. އެހެނިހެން ކަންތައްތައް
(4.1 ޕޮއިންޓް ލިބޭ މިންވަރަށް ބަލައި އިސްކަންދޭ ތަރުތީބުން ގޯތި ލިބޭމީހުންގެ ތެރޭގައި ދެމަފިރިއަކު ހިމެނިއްޖެނަމަ ގޯތި ދޫކުރެވޭނީ އޭގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓްގެ ގޮތުން ދެމަފެރިން އެއްވަރު ވެއްޖެނަމަ ގޯތި ލިބޭނެ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަދައްކައިގެންނެވެ. މިގޮތަށްވެސް އެއްބަސް ނުވެވިއްޖެނަމަ، ގޯތިލިބޭ މީހެއް ކަނޑައަޅާނީ ކޮމެޓީގެ ހާޟިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ. މިގޮތަށް ގޯތި ދޫކުރާ ފަރާތް ކަނޑައެޅުމަށްފަހު ގޯތި ޙަވާލު ކުރުމުގެ ކުރިން ދެމަފިރިން ވަރިވެއްޖެނަމަ ގޯތި ޙަވާލުކުރެވޭނީ، އެ ދެމަފިރިންގެ ތެރެއިން ދަރިން ބެލުމުގެ ޒިންމާ ޙަވާލުވާ ފަރާތަކަށެވެ. މިކަން ކަށަވަރުކުރާނީ ދަރިން ބެލުމުގެ ޒިންމާ ހަވާލުވާ ފަރާތުން، ދަރިން ބަލާކަމުގެ ޝަރުޢީ ލިޔުމެއް ކައުންސިލަށް ހުށައެޅުމުންނެވެ.
(4.2 ގޯއްޗަށް އެދި ހުށަހަޅަން ޖެހޭނީ ފޯމުގެ އަސްލެވެ. ނަމަވެސް ރަށުންބޭރުގައި އުޅުއްވާ ފަރާތެއްނަމަ، ފޯމު ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި މިއިދާރާގެ މެއިލް (m_kolhufushi@hotmail.com) އަށް ފޯމު ފޮނުއްވުމަށްފަހު ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ފޯމުގެ އަސްލު މިކައުންސިލަށް ހުށަހަޅަން ވާނެއެވެ. މިމުއްދަތުގައި ފޯމުގެ އަސްލު ހުށަނާޅާ ފަރާތްތަކުގެ ފޯމު ބާޠިލް ކުރެވޭނެއެވެ. މެއިލްކުރާ ގަނޑުތައް ހަމައަށް މެއިލް ކުރެވުނުކަން މިއިދާރާއަށް ގުޅައިގެން ކަށަވަރުކުރަންވާނެއެވެ.
(4.3 ފޯމު ހުށަހެޅުމުން، އެމީހެއްގެ ހާޟިރުގައި ފޯމު ފުރިހަމަ ކޮށްފައިވޭތޯ ބަލައި ކަށަވަރު ކުރެވޭނެއެވެ. އަދި ފޯމުގެ އެއްވެސް ބައެއް ރަނގަޅަށް ފުރިހަމަ ނުކޮށް އޮތްނަމަ، ފޯމު ފުރިހަމަ ކުރުމަށް އަނބުރާ ޙަވާލުކުރެވޭނެއެވެ. މިގޮތަށް ޙަވާލުކުރާ ފޯމުވެސް ފޯމު ހުށަހަޅަންޖެހޭ ސުންގަޑީގެ ކުރިން ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ ފޯމު ފުރިހަމަކޮށް ހުށަހެޅުމުންނެވެ.
(4.4 ފޯމު ފުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ނުފޭދޭ ގަލަމަކުން، ތާނަ އަކުރުންނެވެ.
(4.5 ފޯމުގެ އެއްވެސް ތަނެއްގައި ޓިޕެކްސް ޖަހައިގެން ނުވާނެއެވެ. އަދި ލިޔެފައިވާ ތަނެއް ރަނގަޅު ކުރުމަށްޓަކައި ކަނޑާލައިފިނަމަ، އެތަނެއްގައި ގޯއްޗަށް އެދޭފަރާތުން ސޮއިކުރަންވާނެއެވެ.
(4.6 ފޯމު ފުރުމުގައި އެއްވެސް ސުވާލެއް އުފެދިއްޖެނަމަ ރަސްމީ ގަޑީގައި މިއިދާރާއަށް ގުޅުމުން ފޯމު ފުރާނެގޮތުގެ އިރުޝާދު ދެވޭނެއެވެ.
4.7) މ.ކޮޅުފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަނެވޭނީ 50.00 (ފަންސާސް) ރުފިޔާ ގެ ފީއަކާ އެކުއެވެ.
5. ގޯއްޗަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި
(5.1 ގޯއްޗަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތީގެ މަޢުލޫމާތު "މ.ކޮޅުފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު" ގައި ހިމަނާފައި ވާނެއެވެ.
5.2) ގޯއްޗަށް އެދޭ ފޯމާއެކު ހަވާލުކުރެވޭ، ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެން އޮތްބައި ދޫކޮށްލުމަށް ޝަރުތުކޮށްފައިވާ އިޤުރާރުގައި ސޮއިކޮށް، ފޯމާއެކު ހުށައަޅަންވާނެއެވެ.
(5.3 ފޯމާއެކު ހުށަހެޅުމަށް ފޯމުގައި ބުނާ ހުރިހާ ލިޔުމެއް ހުށަހަޅަންވާނެއެވެ. އެއްވެސް ލިޔުމެއް މަދުވެއްޖެނަމަ އެފޯމެއް ބަލައެއް ނުގަނެވޭވެއެވެ.
6. ޕޮއިންޓް ލިބޭ ބައިތައް
ރަށްވެހިކަމުގެ ބައި (ގޯއްޗަށް އެދޭފަރާތުގެ) |
||
6.1 |
މ.ކޮޅުފުށީގެ ރަށްވެއްސެއްނަމަ |
20 |
6.2 |
އެހެންރަށެއްގެ ރަށްވެއްސަކު މ.ކޮޅުފުށީގެ ރަށްވެއްސަކާ އިނދެގެން މ.ކޮޅުފުށީގައި 2 (ދޭއް) އަހަރު ދިރިއުޅެފައިވާނަމަ |
10 |
6.3 |
އެހެންރަށެއްގެ ރަށްވެއްސަކު މ.ކޮޅުފުށީގެ ރަށްވެއްސަކާ އިނދެގެން މ.ކޮޅުފުށީގައި 2 (ދޭއް) އަހަރު ނުވާނަމަ |
5 |
ކައިވެނީގެ ބައި (ގޯއްޗަށް އެދޭފަރާތުގެ) |
||
6.4 |
ގޯއްޗަށް އެދޭ ފަރާތް މީހަކާ އިނދެގެން އުޅޭނަމަ. |
15 |
6.5 |
ގޯއްޗަށް އެދޭ ފަރާތް މީހަކާ އިނދެ ވަރިކޮށްފައި ނުވަތަ އަނބިމީހާ/ފިރިމީހާ ނިޔައުވެފައިވީ ނަމަވެސް އެމީހާގެ ބެލުމުގެ ދަށުގައި 18 (އަށާރަ) އަހަރުން ދަށުގެ ކުދިން ތިބިނަމަ |
15 |
6.6 |
ގޯއްޗަށް އެދޭ ފަރާތް މީހަކާ އިނދެގެން އުޅޭތާ ފަސް އަހަރަށްވުރެ އިތުރުވާ ކޮންމެ އަހަރަކަށް 2 (ދޭއް) ޕޮއިންޓް (މިބަޔަށް ގިނަވެގެން ދެވޭނީ 10 (ދިހައެއް) ޕޮއިންޓެވެ.) |
|
ބަލަދުވެރިންގެ ބައި (ގޯއްޗަށް އެދޭ ފަރާތުގެ) |
||
6.7 |
ގޯއްޗަށް އެދޭ ފަރާތުގެ ގޯއްޗެއް، ނުވަތަ ފުލެޓެއް ނެތް ކޮންމެ އުފަން ދަރިއަކަށް 5 (ފަހެއް) ޕޮއިންޓް (ޚާއްޞަ އެހީއަށް ބޭނުންވާ ކޮންމެ ދަރިއަކަށް އިތުރު 1 (އެކެއް) ޕޮއިންޓް ދެވޭނެއެވެ.), (މިބަޔަށް ގިނަވެގެން ދެވޭނީ 20 (ވިހި) ޕޮއިންޓެވެ.) |
|
6.8 |
އަނބިދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ ގޯތި ނެތް ކޮންމެމީހަކަށް |
5 |
ގޯއްޗަށް އެދޭމީހާއާއި، އަނބި/ފިރިމީހާގެ ގޯތި ގެދޮރުގެ ޙާލަތު |
||
6.9 |
ގޯއްޗަށް އެދޭފަރާތުގެ ޢާއިލާ (އަނބި/ފިރިމީހާ އާއި ދަރިން) ދިރިއުޅެނީ ތަނެއް ކުއްޔަށް ހިފައިގެން ކަމަށް ވާނަމަ |
10 |
6.10 |
ގޯއްޗަށް އެދޭފަރާތުގެ ޢާއިލާ (އަނބި/ފިރިމީހާ އާއި ދަރިން) ދިރިއުޅެނީ މައިންބަފައިންގެ ވަޒަނެއް ފިޔަވައި އެހެން މީހެއްގެ ހިޔާވެއްސެއްގައިނަމަ |
7 |
6.11 |
ގޯއްޗަށް އެދޭފަރާތުގެ ޢާއިލާ (އަނބި/ފިރިމީހާ އާއި ދަރިން) ދިރިއުޅެނީ އޭނާގެ ނުވަތަ އަނބި/ފިރިމީހާގެ މައިންބަފައިންގެ ވަޒަނުގައި ނަމަވެސް ދެމަފިރިންނާއި ދަރިން (2 އަހަރުން މަތީ) ނިދަންޖެހިފައިވަނީ އެއްކޮޓަރިއެއްގައި ކަމަށްވާނަމަ |
5 |
6.12 |
ގޯއްޗަށް އެދޭ ފަރާތުގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ފުލެޓެއް ލިބިފައި އޮތްނަމަ |
10- |
6.13 |
ގޯއްޗަށް އެދޭފަރާތާއި އެމީހާގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ފުލެޓެއް ލިބި، ބެހެނިވެރިންގެ ތެރެއިން ގޯތި ނެތް މީހަކު ނޫން އެހެން މީހަކަށް އެބިންކޮށްޅު ދޫކޮށްލާފައިވާނަމަ |
5- |
6.14 |
ގޯއްޗަށް އެދޭފަރާތާއި އެމީހާގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބިމެއް ނުވަތަ ފުލެޓެއް ލިބި، ބެހެނިވެރިންގެ ތެރެއިން ގޯތި ނެތް މީހަކު ނޫން އެހެން މީހަކަށް އެބިންކޮށްޅު ދޫކޮށްލާފައިވާނަމަ |
2- |
6.15 |
ގޯއްޗަށް އެދޭފަރާތުގެ މަންމަ/ބައްޕަގެ (މަންމަ ނުވަތަ ބައްޕަ ނިޔައުވެފައިވާނަމަ) ގޯތި ނުވަތަ ފުލެޓް، ބެހެނިވެރިންގެ މެދުގައި ބެހުމުން މީހަކަށް ޖެހޭ މިންވަރު 1200 (ބާރަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުވެފައި އެބިންކޮޅު ބެހެނިވެރިންގެ ތެރެއިން ގޯތި ނެތްމީހަކު ނޫން އެހެންމީހަކަށް އެބިންކޮޅުދޫކޮށްލާފައިވާނަމަ |
10- |
6.16 |
ގޯއްޗަށް އެދޭފަރާތުގެ މަންމަ/ބައްޕަގެ (މަންމަ ނުވަތަ ބައްޕަ ނިޔައުވެފައިވާނަމަ) ގޯތި ނުވަތަ ފުލެޓް، ބެހެނިވެރިންގެ މެދުގައި ބެހުމުން މީހަކަށް ޖެހޭ މިންވަރު 1200 (ބާރަސަތޭކަ) އަކަފޫޓާއި 600 (ހަސަތޭކަ) އަކަފޫޓާ ދެމެދުގެ ބިންކޮޅަކަށްވެފައި އެބިންކޮޅު ބެހެނިވެރިންގެ ތެރެއިން ގޯތި ނެތްމީހަކު ނޫން އެހެންމީހަކަށް އެބިންކޮޅުދޫކޮށްލާފައިވާނަމަ |
5- |
ގޯއްޗަށް އެދޭފަރާތަށް މީގެ ކުރިން ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ފުލެޓެއް ލިބި، ނުވަތަ އޮވެ އެ ގޯތި ނުވަތަ ފުލެޓު ދޫކޮށްލާފައިވާ ކަމުގައި ވާނަމަ (6.15 އަދި 6.16 ގައިވާގޮތަށް ބެހެނިވެރިންގެ ތެރެއިން ގޯތި ނެތްމީހަކަށް ތަރިކައިން ލިބޭބިންކޮޅުދޫކޮށްލާއިގެން މިބަޔަކަށް ޕޮއިންޓެއް ނުކެނޑޭނެއެވެ.) |
-10 |
7.ޕޮއިންޓް ލިބޭ ބައިތަކަށް ރިއާޔަތްކުރާނެ ގޮތް
(7.1ރަށްވެހިކަމުގެ ބައި
(ހ) މ.ކޮޅުފުށީގެ ރަށްވެހިން ކަމުގައި ބަލާނީ މ.ކޮޅުފުށީގައި ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށެވެ. އެއްވެސް ސަބަބަކާއި ހުރެ ރަށުން ބޭރުގައި ދިރިއުޅުނު ކަމުގައި ވީ ނަމަވެސް އެމީހަކު ބަލާނީ ރަށުގެ ރަށްވެއްސެއްގެ ގޮތުގައެވެ. ރަށްވެހިކަން ކަށަވަރުކުރާނީ ރަށުކައުންސިލްގެ އިދާރާގެ ރަށްވެހިކަމާބެހޭ ލިޔެކިޔުންތަކުންނެވެ.
(ށ) އެހެންރަށެއްގެ ރަށްވެއްސަކު މ.ކޮޅުފުށީގެ ރަށްވެއްސަކާއި އިނދެގެން މ.ކޮޅުފުށީގައި ދިރިއުޅޭކަމުގައި ބަލާނީ މ.ކޮޅުފުށީގެ ރަށްވެއްސަކާ އިނދެގެން މ.ކޮޅުފުށީގައި އުޅޭނަމައެވެ. މ.ކޮޅުފުށީގެ ރަށްވެއްސަކާއި އިނދެގެން އުޅޭކަން ކަށަވަރުކުރާނީ ކައިވެނީގެ ސެޓުފިކެޓަށް ބަލައިގެންނެވެ. އަދި މ.ކޮޅުފުށީގައި އުޅޭތާވީ މުއްދަތު ބަލާނީ އެކަން ދަންނަ، 2 ހެކިންގެ ހެކިބަހުންނެވެ.
(7.2 ކައިވެނީގެ ބައި
(ހ) ގޯއްޗަށް އެދޭމީހާ، މީހަކާ އިނދެގެން އުޅޭކަން ކަށަވަރުކުރުމުގައި ބަލާނީ ފޯމާއެކު ހުށަހަޅާ އެމީހަކު މީހަކާ އިނދެގެން އުޅޭކަން އެނގޭނެ ޝަރުޢީ ލިޔުމުންނެވެ.
(ށ) ގޯއްޗަށް އެދޭމީހާ، މީހަކާ އިނދެ ވަރިކޮށްފައި ވާކަން ކަށަވަރުކުރުމުގައި ބަލާނީ ފޯމާއެކު ހުށަހަޅާ ވަރިކޮށްފައިވާކަން އެނގޭނެ ޝަރުޢީ ލިޔުމުންނެވެ.
(ނ) ގޯއްޗަށް އެދޭމީހާގެ އަނބި/ފިރިމީހާ މަރުވެފައިވާކަން ކަށަވަރުކުރުމުގައި ބަލާނީ، ފޯމާއެކު ހުށަހަޅާ އަނބި/ފިރިމީހާ މަރުވެފައިވާކަން އެނގޭނެ ރަސްމީ ލިޔުމުންނެވެ.
(ރ) ގޯއްޗަށް އެދޭމީހާގެ ކައިވެނީގައި ވީ މުއްދަތު ބަލާނީ އެކަމާބެހޭ ޝަރުޢީ ލިޔުމުންނެވެ.
(7.3ބަލަދުވެރިންގެ ބައި
(ހ) ގޯއްޗަށް އެދޭމީހާގެ، ގޯއްޗެއް/ފުލެޓެއް ނެތް އުފަންދަރިންކަމުގައި ބަލާނީ އެމީހެއްގެ ދަރިންކަމުގައި އެމީހަކު ބަޔާންކޮށްފައިވާ ފަރާތްތައް ސަރުކާރުގެ އިދާރާތަކުން ބަލައިގެންނެވެ. މިގޮތުން އުފަންދަރިން ކަށަވަރުކުރުމަށްފަހު އެދަރިންނަށް ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ގޯތި/ފުލެޓް ލިބިފައިވޭތޯ ބަލާނީއެވެ. މިކަން ބަލާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަށް މެދުވެރިކޮށްގެންނެވެ.
(ށ) އަނބިދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުން ކަށަވަރުކުރާނީ ޝަރުޢީ ލިޔުމަކުންނެވެ. ނުވަތަ ޢާއިލީގޮތުން އެންމެ ފުރަތަމަ ބަލަދު އަރާ ފަރާތަކީ ގޯއްޗަށް އެދޭ މީހާ ކަމުގައި ވާނަމައެވެ. ގޯތިނެތް މީހުން ކަށަވަރު ކުރާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަށް މެދުވެރިކޮށްގެންނެވެ. މިގޮތުން ބަލާއިރު ރާއްޖޭގެ އެއްވެސް ރަށަކުން 600 (ހަސަތޭކަ) އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ބިމެއް/ފުލެޓެއް ލިބިފައިވާނަމަ މިބައިގެ ޕޮއިންޓެއް އެފަދަ ފަރާތަކަށް ނުލިބޭނެއެވެ.
(ނ) ގޯއްޗަށް އެދޭ ފަރާތުގެ ޙާއްސަ އެހީއަށް ބޭނުންވާ އުފަންދަރިއެއް ހުރިކަން ކަށަވަރުކުރާނީ، އެފަދަ ކުއްޖަކު ސަރުކާރުގެ ކަމާއިބެހޭ އިދާރާއެއްގައި ޙާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ކަމުގެ ލިޔުން ފޯމާއި އެކު ހުށައެޅުމުންނެވެ.
(7.4ގޯއްޗަށް އެދޭމީހާއާއި، އަނބި/ފިރިމީހާގެ ގޯތި ގެދޮރުގެ ޙާލަތު:
(ހ) ގޯއްޗަށް އެދޭމީހާގެ ޢާއިލާ (އަނބި/ފިރިމީހާއާއި ދަރިން) ދިރިއުޅެނީ ތަނެއް ކުއްޔަށް ހިފައިގެން ކަމަށް ބަލައި އެބަޔަށް ޕޮއިންޓް ލިބޭނީ، މ.ކޮޅުފުށިން ނުވަތަ އެހެން ރަށަކުންވިއަސް ގެއެއް ކުއްޔަށް ހިފައިގެން އުޅޭކަން އެނގޭނޭ، ގޭގެވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުން (ޝަރުއީ ކޯޓެއްގައި ރަޖިސްޓްރީ ކޮށްފައިވާ އެއްބަސްވުން) ހުށަހަޅާފައި ވާނަމައެވެ. މިގޮތުން މި އެއްބަސްވުން ރަޖިސްޓަރީ ކުރެވިފައިވާންވާނީ ގެވަޅަށް އިޢުލާނުކުރާ ތާރީޚަށްވުރެ ކުރީގެ ތާރީޚަކަށެވެ.
(ށ) ގޯއްޗަށް އެދޭމީހާގެ ޢާއިލާ (އަނބި/ފިރިމީހާއާއި ދަރިން) ދިރިއުޅެނީ މައިންބަފައިންގެ ވަޒަން ފިޔަވައި އެހެން މީހެއްގެ ހިޔާވެއްސެއްކަމުގައި ވާނަމަ، އެބަޔަށް ޕޮއިންޓް ލިބޭނީ މިވަގުތު މ.ކޮޅުފުށިން އެފަދަ ގޮތަކަށް ދިރިއުޅޭ މީހުންނަށެވެ. އަދި އެފަދަގޮތަކަށް ދިރިއުޅޭކަން އަންގައިދޭ، ގޭގެ ވެރިފަރާތުގެ ލިޔުމެއް ހުށަހަޅާފައި ވާނަމައެވެ. މިބަޔަށް ޕޮއިންޓް ލިބޭނީ 6.9 އަކަށް ޕޮއިންޓް ނުލިބޭ ފަރާތްތަކަށެވެ.
(ނ) ގޯއްޗަށް އެދޭމީހާގެ ޢާއިލާ (އަނބި/ފިރިމީހާއާއި ދަރިން) ދިރިއުޅެނީ އޭނާގެ ނުވަތަ އަނބި/ފިރިމީހާގެ މައިންބަފައިންގެ ވަޒަނުގައި ނަމަވެސް ދެމަފިރިންނާއި ދަރިން ނިދަންޖެހިފައިވަނީ އެއްކޮޓަރިއެއްގައި ކަމަށްވާނަމަ، އެބަޔަށް ޕޮއިންޓް ލިބޭނީ މިވަގުތު މ.ކޮޅުފުށީގައި އެފަދަގޮތަކަށް ދިރިއުޅޭ މީހުންނަށެވެ. އަދި ދެމަފިރިންނާއި ދަރިން ނިދަންޖެހިފައިވަނީ އެއްކޮޓަރިއެއްގައި ކަމަށް ބަލާނީ ދެމަފިރިން ނިދާ ކޮޓަރި ފިޔަވައި ދަރިން ނިދާނެ އެހެން ކޮޓަރިއެއް އެގޭގައި ނެތްނަމައެވެ. ނަމަވެސް ދެމަފިރިންނާއި ދަރިން ނިދާކޮޓަރި، ޢާއިލީ ކޮޓަރިއެއްގެ ގޮތުގައި ކޮޓަރިތެރެއިން ބައެއް ވަކިކޮށް އެބައިގައި ދަރިންނަށް ނިދޭނޭގޮތް ހަދާފައިވާނަމަ ދެމަފިރިންނާއި ދަރިން އެއްކޮޓަރީގައި ނިދަނީކަމަށް ނުބެލެވޭނެއެވެ.
(ރ) ބިމެއް/ފުލެޓެއް ލިބިފައިވާކަމަށް ބަލާނީ ގޯއްޗަށް އެދޭ މީހާ ނުވަތަ އަނބި/ފިރިމީހާގެ ނަމުގައި ބިމުގެ/ފުލެޓުގެ ރަޖިސްޓަރީ ހަދާފައި ވާނަމައެވެ. ބިމެއް/ފުލެޓެއް ލިބެން އޮތްކަމަށް ބަލާނީ ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ އެއްވެސް ފަނޑިޔާރު ގެއެއްގައި ހިނގާ މައްސަލައަކުން ނުވަތަ ކޮށްފައިވާ ހުކުމަކުން ލިބެން އޮތްނަމަ ނުވަތަ ލިބިފައި ވާނަމައެވެ. އަދި ތަރިކައިގެ ގޮތުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ފުލެޓެއް ލިބެން އޮތްކަން އެނގޭނޭ ރަސްމީ ލިޔުމެއް އޮތްނަމަ އެމީހަކަށް ގޯއްޗެއް ނުލިބޭނެއެވެ.
(ބ) ގޯއްޗަށް އެދޭމީހާގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިމެއް/ފުލެޓެއް ލިބިފައިވާކަމަށް ބަލާނީ ގޯތިގެދޮރާއި ބެހޭގޮތުން ކޮށްފައިވާ މުޢާމަލާތުގެ ރަސްމީ ލިޔުންތަކުންނެވެ.
(ޅ) ގޯއްޗަށް އެދޭމީހާ ނުވަތަ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިމެއް/ފުލެޓެއް ލިބި، ބެހެނިވެރިންގެ ތެރެއިން ގޯތިނެތް މީހަކު ނޫން އެހެން މީހަކަށް އެބިން/ފުލެޓް ދޫކޮށްފައިވާކަން ނުވަތަ ނޫންކަން ބަލާނީ ގޯތިގެދޮރާއި ގުޅޭގޮތުން ކޮށްފައިވާ މުޢާމަލާތުގެ ރަސްމީ ލިޔުންތަކުންނެވެ.
(ކ) ގޯއްޗަށް އެދޭމީހާއާއި އެމީހާގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބިމެއް/ފުލެޓެއް ލިބި، ބެހެނިވެރިންގެ ތެރެއިން ގޯތިނެތް މީހަކު ނޫން އެހެން މީހަކަށް އެބިން/ފުލެޓް ދޫކޮށްފައިވާކަން ނުވަތަ ނޫންކަން ބަލާނީ ގޯތިގެދޮރާއި ގުޅޭގޮތުން ކޮށްފައިވާ މުޢާމަލާތުގެ ރަސްމީ ލިޔުންތަކުންނެވެ.
(އ) ގޯއްޗަށް އެދޭމީހާގެ މަންމަ/ބައްޕަގެ (މަންމަ / ބައްޕަ ނިޔައުވެފައިވާނަމަ) ގޯތި/ފުލެޓް، ބެހެނިވެރިންގެ މެދުގައި ބެހުމުން މީހަކަށް ޖެހޭމިންވަރު 1200 (ބާރަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައި ނުވަތަ ލިބޭގޮތަށް ހަމަޖެހިފައިވާ ކަމަށް ބަލާނީ ގޯތިގެދޮރާއި ގުޅޭގޮތުން ކޮށްފައިވާ މުޢާމަލާތުގެ ރަސްމީ ލިޔުންތަކުންނެވެ. މި ފަދަ ލިޔުމެއް ނެތް ނަމަ، ބަހާނީ ގޯތި/ފުލެޓެއް ނެތް ބެހެނިވެރިންގެ މެދުގައެވެ.
(ވ) ގޯއްޗަށް އެދޭމީހާގެ މަންމަ/ބައްޕަގެ (މަންމަ / ބައްޕަ ނިޔައުވެފައިވާނަމަ) ގޯތި/ފުލެޓް، ބެހެނިވެރިންގެ މެދުގައި ބެހުމުން މީހަކަށް ޖެހޭމިންވަރު 1200 (ބާރަސަތޭކަ) އަކަފޫޓާއި 600 (ހަސަތޭކަ) އަކަފޫޓާއި ދެމެދުގެ ބިމެއް ލިބިފައި ނުވަތަ ލިބޭގޮތަށް ހަމަޖެހިފައިވާ ކަމަށް ބަލާނީ ގޯތިގެދޮރާއި ގުޅޭގޮތުން ކޮށްފައިވާ މުޢާމަލާތުގެ ރަސްމީ ލިޔުންތަކުންނެވެ. މި ފަދަ ލިޔުމެއް ނެތް ނަމަ، ބަހާނީ ގޯތި/ފުލެޓެއް ނެތް ބެހެނިވެރިންގެ މެދުގައެވެ.
(މ) ގޯއްޗަށް އެދޭފަރާތަށް މީގެ ކުރިން މި ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ފުލެޓެއް ލިބި، ނުވަތަ އޮވެ އެ ގޯތި ނުވަތަ ފުލެޓު ދޫކޮށްލާފައިވާކަން ކަށަވަރު ކުރާނީ މި އިދާރާގައި ހުރި މިކަމާއި ގުޅޭ ލިޔެކިޔުންތަކުންނާއި އެހެނިހެން ރަށްރަށުގެ ކައުންސިލުން ނުވަތަ އެކަމާއި ގުޅޭ ސަރުކާރުގެ ވުޒާރާއަކުން ހޯދާ މަޢުލޫމާތުތަކުންނެވެ.
06 ސެޕްޓެމްބަރ 2021
އުސޫލު / ޤަވާއިދު ޑައުންލޯޑް ކުރެއްވުމަށް
މ.ކޮޅުފުށީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް