ޤާނުނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ރަށު ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލެވިފައިވާ "އާންމު އުނދަގުލާއި ބެހޭ ޤަވަޢިދުގެ 14 ވަނަ މާއްދާ (މަގުތަކުގައި ތަކެތި ބެހެއްޓުން) މި މާއްދާގެ (ހ) ގައިވާ ގޮތުން ކައުންސިލްގެ ހުއްދަނެތި، ހިނގާބިނގާވެ އުޅޭފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް މަގުތަކުގައި އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެވެ.
އެހެންކަމުން، ޤަވާޢިދުތަކާއި / އުޞޫލުތަކާއި ޚިލާފަށް ބައެއް ފަރާތްތަކުން ބަނދަރުމަތީ ސަރަޙައްދުގައި ބަހައްޓާފައިވާ ކޮށިތަކާއި، ނުގެންގޮސް ގިނަދުވަސްވުމުގެ ސަބަބުން ހަލާކުވެ، ކުނިބުންޏަށް ވެފައިވާ ތަކެތި ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ. އަދި އާންމުންނަށް އުނދަގޫވާނެހެން ގޯތިތަކުން މަގުމައްޗަށް ވާގޮތަށް ހުރި ރުއްރުކުގެ ފަންތަކާއި ގަސްގަހުގެ ގޮފިތައް ކޮށައި، ރަށުތެރޭގެ ސާފުތާހިރުކަމަށް ސަމާލުކަން ދެއްވައި، ދުއްވާ އެއްޗިއްސަށާއި، ހިނގާބިނގާވެ އުޅޭފަރާތްތަކަށް ދަތިނުވާނެހެން އަމަލުތަށް ބެހެއްޓެވުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ.
ކުރިޔަށްއޮތް ހަފްތާ ބަންދުގައި އަތޮޅު ޤުރުޢާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ކޮޅުފުށިގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އަތޮޅުތެރޭގެ ރަށްތަކުން މެހެމާނުންގެ ގޮތުގައި ވަރަށް ގިނަ ފަރާތްތަކެއް މިރަށަށް ޒިޔާރަތްކުރާނެއެވެ. އެހެންކަމުން އިސްވެދެންނެވުނު ކަންކަން އިސްލާހުކޮށްދެއްވައި ކޮޅުފުއްޓަކީ ރަށަށް ޒިޔާރަތްކުރައްވާ މެހެމާނުންނަށް ނަމޫނާ ދައްކާ ރައްޔިތަކު ދިރިއުޅޭ ރަށަކަށް މިފުރުޞަތުގައި ހެދިދާނެއެވެ.
ވީމާ، ބަނދަރު ސަރަޙައްދާއި، ރަށުތެރޭގެ މަގުތަށް 16 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސާފުކުރެއްވުމަށް ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.