މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ކައުންސިލުން ނެރޭ ނޫސްބަޔާން.

21 އޮގަސްޓް 2023      8 months ago


18 އޮގަސްޓް 2023 ދުވަހުގެ ރޭ މ.މުލަކުގައި ޕީ.އެން.ސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ބޭއްވި ޖަލްސާ ލައިވު ކުރަމުންދިޔަ ޗެނަލް 13 އިން މ.ކޮޅުފުށީގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޒައާމަތުގައި މ.ކޮޅުފުއްޓަށް ކޮށްދެއްވާފައިވާ ކަންތައްތަކާއި ގުޅޭގޮތުން ދެއްކި ހަޤީގަތެއްނެތް ވާހަކަތައް ކުށްވެރިކޮށް ކޮޅުފުށީ ކައުންސިލުން ނެރޭ ނޫސްބަޔާން.

 

               މ.ކޮޅުފުށީގައި ސުނާމީ ކާރިޘާއާއި ގުޅިގެން އަޅުއްވައިދެއްވި 167 ގޭގެ މަސައްކަތް ފައްޓާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އަދި މިގެތަކުގައި ނަރުދަމާ އާއި، އާ އިންޖީނުގޭގެ ކަރަންޓްގެ ޚިދުމަތް ލިބި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެރިކަން ފެށުނުއިރުވެސް ކޮޅުފުށީގެ ރައްޔިތުން މިގެތަކުގައި ދިރިއުޅެމުން ގެންދެއެވެ. މުޅިންއަލަށް މިސްކިތެއް ބިނާކުރެއްވިކަމަށް ޗެނަލް 13 އިން ޚަބަރު ގެނެސްދެއްވި ނަމަވެސް، 2013 ގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަން ފެށުނުއިރުވެސް މިސްކިތުގެ މަސައްކަތް ކުރިޔަށްދެއެވެ.

               އެމަނިކުފާނު ވެރިކަމުގައި މުޅިންއަލަށް ބަނދަރެއް ހަދާފައިވާކަމަށް ޗެނަލް 13 އިން ޚަބަރު ގެނެސްދިން ނަމަވެސް، ބަނދަރަށް 100 ފޫޓު އިތުރުކޮށް، ބަނދަރު ހިލަޖަހާ، ބަނދަރު މަރާމާތުކޮށްދެއްވުން ފިޔަވައި، އަލުން ބަނދަރެއް ނަހަދައެވެ. އަދި ފުޓްސަލް ދަނޑުގެ މަސައްކަތް ފަށައި، ވަކި ހިސާބަކުން ފުޓްސަލް ދަނޑުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ފުޓްސަލް ދަނޑު ޓާރފް އަޅައި ނިންމީ މިހިނގާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުންނެވެ. އަދި ވޮލީ ކޯޓަކާއި، ބަށި ކޯޓެއްގެ މަސައްކަތް ކުރިކަމަށް ދެންނެވި ނަމަވެސް ބަށި ކޯޓުގައި އަދި ވޮލީ ކޯޓުގައިވެސް ހަމައެކަނި ޖަހާފައިވަނީ ފެންސެވެ. އެއީ ކުޅިވަރު ކުޅުމަށް އެކަށީގެންވާ ތަންތަނަކަށް ނުވާތީވެ، ބޭނުން ނުކުރެވި މިއަދު އެތަންތަން ވަނީ ހަލާކުވެފައެވެ.

               ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ލިބުމުގެކުރިން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހުންނެވީ މ.މުލަކު ދާއިރާގެ މަޖިލީސް މެމްބަރަކަށެވެ. ދާއިރާގެ މެމްބަރަކަށް ހުންނަވައި ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވުމަށްފަހު، ވެރިކަމުގެ 5 އަހަރުގައި 2000 މީހުން ދިރިއުޅޭ އާބާދީއަށްވުރެ ދަށުގެ އާބާދީތަކަށް ކަންކަން ކޮށްދެއްވުމަށް އިސްކަން ނުދެއްވާނެކަމަށް ކޮޅުފުށީ ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވެ، އެމަނިކުފާނުގެ 5 އަހަރުގެ ދައުރުގައި މ.ކޮޅުފުއްޓަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަން މިކައުންސިލުން ފާހަގަކުރަމެވެ.

               ކަންމިހެން ހުރުމާއެކު، މ.ކޮޅުފުއްޓަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ވެރިކަމުގައި ނުކުރައްވާ ތަރައްޤީގެ މަސްރޫޢުތައް ކުރެއްވިކަމަށް ރައްޔިތުންނަށް އޮޅުން އަރާގޮތަށް ޗެނަލް 13 އިން ޚަބަރު ގެނެސްދެއްވި ގެނެސްދެއްވުން މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން ކުށްވެރިކުރަމެވެ.



ބާވަތް: ނޫސްބަޔާން

ނަންބަރ: (PR)367/367/2023/1

ޕަބްލިޝް ކުރި ތާރީޚް: 21/08/2023

ސުންގަޑި: 2024-05-06 07:08:16