މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމް ރަސްމީ ދަތުރުފުޅެއްގައި މުލަކަތޮޅު ކޮޅުފުއްޓަށް ވަޑައިގެންފި

2 ސެޕްޓެމްބަރ 2021      2 years ago


މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމް ރަސްމީ ދަތުރުފުޅެއްގައި މުލަކަތޮޅު ކޮޅުފުއްޓަށް ވަޑައިގެންފި

މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމް ރަސްމީ ދަތުރުފުޅެއްގައި މިއަދު މުލަކަތޮޅު ކޮޅުފުއްޓަށް  ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ގެ އަރިހުގައި މިނިސްޓްރީގެ އިސްވެރިންނާއި، މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާޙިމް ނަޞީރާއި، ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރ އިކްރާމް ޙަސަން އަދި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް ބައިވެރިވެލެއްވިއެވެ. މިދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ރަށްރަށުގެ ފަތުވެރިކަމުގެ ޙާލަތު ދެނެގަނެ ލޯކަލައިޒޭޝަން އަދި ޑައިވަރސިފިކޭޝަން ޕްރޮޖެކްޓްގެ ދަށުން ރަށްތައް ޕްލޭންކޮށް ތަރައްޤީކުރުމެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ވަނީ ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުލް ޢަލީމް ވިދާޅުވީ ޓޫރިޒަމް ތަރައްޤި ކުރުމަށް ކޮޅުފުށީ ފަޅުތެރެއިން ގިނަރަށްތައް އެތަކެއް އަހަރެއްސުރެ ދޫކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް ހިތާމައަކީ މިއަދާއި ހަމައަށްވެސް އެއިންއެއްވެސް ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެވިފައި ނުވާކަމެވެ. އެހެންކަމުން، ކޮޅުފުށީގެ ޒުވާނުންނާއި، ކޮޅުފުށީގެ ތަރައްޤީއާއި މުސްތަޤުބަލަށްޓަކައި އެ މައްސަލައަށް އަވަސް ހައްލެއް ހޯއްދައިވައި ދެއްވުމަށް ކޮޅުފުށީ ރައްޔިތުންގެ ނަމުގައި އާދޭހާއިއެކު މިނިސްޓަރަށް ދަންނަވާ ކަމުގައި ވިދާޅުވިއެވެ.

      މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މަޢުސޫމް ވަނީ މުސްތަޤުބަލުގެ ޖީލުތަކަށް އެތައްގޮތަކުން ފައިދާކުރަނިވި ކަންކަމާއި ގުޅޭގޮތުން އުންމީދީ ވާހަކަފުޅުތަކެއް ދައްކަވާފައެވެ. ހަމައެހެންމެ، ކޮޅުފުއްޓާއި އެއްފަޅެއްގެ ތެރޭގައި ހުރި ފަޅުރަށްތަކާއި، ކޮޅުފުށި ކައިރީގައި ހުރި ފަޅުރަށްތައް ޓޫރިޒަމް ދާއިރާއަށް ތަރައްޤީ ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ނުހެދި ގިނަދުވަސްވެފައިވާ ރަށްތަކުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

      މި ބައްދަލު ކުރެއްވުމުގައި މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާޙިމް ނަޞީރާއި، މުލަކަތޮޅު އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިދަތުރުފުޅުގެ ބައިވެރިން ވަނީ ކޮޅުފުށީ މުއައްސަސާތަކުގެ އިސްވެރިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއިވެސް ބައްދަލު ކުރައްވާފައެވެ.   

      މިއަދުގެ ދަތުރުފުޅުގައި ކޮޅުފުއްޓަށް ވަޑައިގެންނެވި ބޭފުޅުން ވަނީ ޤުދުރަތީގޮތުން ފުރިހަމަ ވެއްޓެއް ލިބިފައިވާ ކޮޅުފުށީގެ ބައެއް ސަރަޙައްދުތަށް ބައްލަވާލައްވާފައެވެ. އަދި އެފަދަ ހިތްޤައިމު މާހައުލެއް ކޮޅުފުށްޓައް ލިބިފައިވުމަކީ ކޮޅުފުށީގައި ޓޫރިޒަމް ފުޅާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.