މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ޕްރީސްކޫލުގައި އަލަށް ޤާއިމްކުރެވުނު ޕްލޭގްރައުންޑް ރަސްމީކޮށް ހުޅުވައިފި

10 ނޮވެމްބަރ 2022      1 year ago


ކޮޅުފުށީ ޕްރީސްކޫލުގައި އަލަށް ޤާއިމްކުރެވުނު ޕްލޭގްރައުންޑް ރަސްމީކޮށް ހުޅުވައިފި

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ އިދާރާ އިން ހިންގަމުން އަންނަ ކޮޅުފުށީ ޕްރީސްކޫލުގައި އަލަށް ޤާއިމްކުރެވުނު ޕްލޭގްރައުންޑް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮޅުފުށީ ކައުންސިލުގެ ރައީސް ޢަބްދުލްޢަލީމްއެވެ. މި ރަސްމިއްޔާތު އޮތީ 09 އޮކްޓޯބަރ 2022 ވީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކޮޅުފުށީ ޕްރީސްކޫލު ހޯލްގައެވެ.

ކުރިޔަށްއޮތް ޖީލުތަކުގެ މުސްތަޤުބަލަށްޓަކައި ކައުންސިލުން ގެންގުޅުއްވާ ތަޢުލީމީ ދުރުވިސްނުންފުޅު ހާމަވެގެންދާ މި ޕްލޭގްރައުންޑަކީ، ކޮޅުފުށީ ޕްރީސްކޫލުގައި ތަޢުލީމް ހާސިލްކުރަމުންދާ ކޮންމެ ކުއްޖެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާ، އުފާވެރި މާޙައުލެއްގައި އުނގެނުމަށް ލިބިގެންދާނެ ފަހި ފުރުޞަތެކެވެ.

މީގެއިތުރުން، މިޕްލޭގްރައުންޑް ތަރައްޤީކުރުމަށް އެކިއެކި ފަރާތްތަކުން ވެދެއްވާފައިވާ ދީލަތި އެހީތެރިކަން ކައުންސިލުން ބަލައިގަންނަނީ ޝުކުރުވެރިކަމާއި އެކުގައެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ މި ޕްލޭގްރައުންޑް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮޅުފުށީ ކައުންސިލުގެ މެންބަރުންނާއި، ކޮޅުފުށީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް، މ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް، މ.އަތޮޅު މަދަރުސާގެ ލީޑިންގ ޓީޗަރުން އަދި ޕްރީސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެލެއްވިއެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ ބައިވެރިންގެ ޝަރަފުގައިއޮތް ބިލަތްމީރު ކޮށްލެއްވުމަކުންނެވެ.