29 އެޕްރީލް 2025 ގައި އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލްގެ މުވައްޒަފުންނާއި އ.ތ.މ. ކޮމެޓީގެ މެންބަރުން މ. ކޮޅޮފުއްޓަށް ތަޖުރިބާ ދަތުރެއް ކޮށްފިއެވެ. މި ދަތުރުގެ މައިގަޑު މަޤުޞަދަކީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ކޮޅުފުށީ ކައުންސިލުން ހޯދާފައިވާ ކުރިއެރުންތައް ހޯދުމުގައި ކައުންސިލްގެ މަސައްކަތްތައް ރާވާ ހިންގާ ގޮތްތައް ދެނެގަތުމާއި ދެ ކައުންސިލްގެ މެދުގައި އޮތްގުޅުން އިތުރަށް ބަދަހި ކުރުމެވެ. މި ދަތުރުގައި ދިއްދޫ ކައުންސިލްގެ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީއާއި، އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމުލަ 17 ބައިވެރިން ބައިވެރިވެފައިވެއެވެ.
މިގޮތުން ދިއްދޫ ކައުންސިލްގެ މުވައްޒަފުން ނާއި ކޮޅުފުށީ ކައުންސިލްގެ މުވައްޒަފުން، ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ރާވާއި ހިންގާގޮތާއި ރައްޔިތުންނަށް ފޯރުކޮށްދޭ މުނިސިލް ޚިދުމަތް ތަކާބެހޭގޮތުން މަޢުލޫމާތުހޯދާ ތަޖުރިބާތައް ހިއްޞާކޮށްފައިވެއެވެ.