މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ އެއްވަނަ ވޮލީބޯޅަ މުބާރާތް ރަސްމީކޮށް ފެށުން

11 ނޮވެމްބަރ 2022      1 year ago


މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ އެއްވަނަ ވޮލީބޯޅަ މުބާރާތް ރަސްމީކޮށް ފެށުން

މުލަކަތޮޅު ކޮޅުފުށީ ޕްރީސްކޫލް އިރުން ތަރައްޤީ ކުރެވިފައިވާ ކޮޅުފުށީ ކައުންސިލުގެ ވޮލީކޯޓުގައި، ކޮޅުފުށީ ކައުންސިލުގެ އެއްވަނަ ވޮލީބޯޅަ މުބާރާތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މުލަކަތޮޅު އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ނިމާލުއެވެ. މި ރަސްމިއްޔާތު އޮތީ 11 އޮކްޓޯބަރ 2022 ވީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ކޮޅުފުށީ ކައުންސިލްގެ ވޮލީކޯޓްގައެވެ.

މިރަސްމިއްޔާތުގައި ކޮޅުފުށީ ކައުންސިލުގެ ރައީސްގެ ވާހަކަފުޅުގައި، ވަރަށް އަވަދިނެތިކޮށް އުޅުއްވަމުންވެސް ދެއްވި ދައުވަތު ޤަބޫލުކުރައްވާ މުލަކަތޮޅު އަތޮޅު ކައުންސިލުގެ ރައީސް ވަޑައިގެންދެއްވި ކަމަށްޓަކައި ވަރަށް އިޚުލާސްތެރިކަމާއިއެކު ޝުކުރުދެންނެވިއެވެ. އަދި މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީމުބާރާތަށް މިފަދަ ވޮލީކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް އެހާމެ ކުރު މުއްދަތެއްގެ ތެރޭގައި ތައްޔާރު ކުރެވުނީ ކޮޅުފުށީ ކައުންސިލާއި، މުވައްޒަފުންނާއި އަދި އ.ތ.މ ކޮމިޓީން ޓީމެއްގެ ގޮތުގައި ކުރެއްވި ބުރަ މަސައްކަތުންކަމުގައި ފާހަގަކުރައްވާ، ޝުކުރުދެންނެވިއެވެ. އަދި ވޮލީކޯޓުގެ މަސައްކަތްތަކަށް ފެނަކަ ކޮޅުފުށީ ބްރާންޗް އިން ދެއްވި އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހުރިހާ ޓީމަކުންވެސް ކުޅިވަރުގެ ރޫޙާއި އެއްގޮތަށް މުބާރާތް ކުރިޔަށް ގެންދިއުމަށް އެދިލެއްވިއެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި މުލަކަތޮޅު އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ނިމާލު ވިދާޅުވީ، ކޮޅުފުށި ކައުންސިލުން އިސްނަގައިގެން މުއައްސަސާތަކަށް ހުޅުވާލައިގެން މިފަދަ މުބާރާތެއް ވަރަށް ފުރިހަމައަށް އިންތިޒާމު ކުރުމުގެ މަޤްޞަދަކީ އެކުވެރިކަން އާލާކުރުން ކަމުގައެވެ. އަދި ހުރިހާ ކުޅުންތެރިންވެސް މުބާރާތުގެ މަޤްޞަދާއި އެއްގޮތަށް ވާދަވެރި ރޫހެއްގައި މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތްކުރުމަށް އެދިލައްވާ ކަމުގައި ވިދާޅުވިއެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ކޮޅުފުށީ ކައުންސިލުގެ ވޮލީކޯޓުގައި ފެށުނު ކޮޅުފުށީ ކައުންސިލުގެ އެއްވަނަ ވޮލީބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި މުލަކަތޮޅު އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ނިމާލުގެ އަރިހުގައި މުލަކަތޮޅު މުލަކު ކައުންސިލުގެ ރައީސް ބައިވެރިވެލެއްވިއެވެ. އަދި ކޮޅުފުށީ ކައުންސިލުގެ މެންބަރުންނާއި، އ.ތ.މ ކޮމިޓީގެ ރައީސާ އަދި މުއައްސަސާތަކުގެ އިސްވެރިން މިރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.