މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

އިޖުތިމާޢީ ސަރަޙައްދު ސާފުކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކައުންސިލްގެ ފަރާތުން ފަރިއްކޮޅެއް ދެއްވައިފި

18 އޮކްޓޯބަރ 2024      1 week ago


އިޖުތިމާޢީ ސަރަޙައްދު ސާފުކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކައުންސިލްގެ ފަރާތުން ފަރިއްކޮޅެއް ދެއްވައިފި

މުލަކަތޮޅު ކޮޅުފުށީގެ އިޖުތިމާއީ ސަރަހައްދު ސާފުކޮށް ބަލަހައްޓާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން އެފަރާތްތަކަށް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީ ގުޅިގެން ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ. ރަށުގެ އިޖުތިމާޢީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމުގައި 170 ކަނބަލުން ޙަރަކާތްތެރިވަމުން ދެއެވެ.

17 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ރޭ ކޮޅުފުށީ ޕާކު ސަރަޙައްދުގައި ބޭއްވުނު މި ޙަފުލާގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ކަނބަލުން ކޮށްދެއްވާ މަސައްކަތަކީ ބުރަ، ގޮންޖެހުންތައް ގިނަ މަސައްކަތެއްކަމަށާއި އެ މަސައްކަތަކީ ޝުކުރުން ފުރިގެންވާ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ. އަދި ބޭއްވޭ މިފަދަ ހަފުލާއަކުން އަގުވަޒަން ނުކުރެވޭނެ މަސައްކަތެއްކަމަށްވެސް ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމެޓީގެ ރައީސާގެ ވާހަކަފުޅުގައި ކޮމެޓީއަށް މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާލުން ފާހަގަކުރައްވާ ކުރިއަށްއޮތް ދުވަސްތަކުގައި ރަށުގެ އިޖުތިމާޢީ ސަރަހައްދު ސާފުކުރުމުގައި ކަނބަލުންގެ އެއްބާރުލުން ބޭނުންކަމަށް ވިދާޅުވިއެވެ.