މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ފުލުހުންގެ އާ ކޮމާންޑަރާއި މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން ބައްދަލުކުރައްވައިފި

15 ޖުލައި 2021      2 years ago


މުލަކަތޮޅު ފުލުހުންގެ އާ ކޮމާންޑަރާއި މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން ބައްދަލުކުރައްވައިފި

މުލަކަތޮޅު ޕޮލިސްގެ އާ ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް، އިޢުތިމާދު އަޙްމަދު ސަޢީދު ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިއަދު ކޮޅުފުށީ ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވެވި މި ބައްދަލުކުރެއްވުމަކީ އާ އެޓޯލް ކޮމާންޑަރ ތަޢާރަފްވެލެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ. މިގޮތުން އާ އެޓޯލް ކޮމާންޑަރ ތަޢާރަފްކޮށްދެއްވީ މުލަކަތޮޅު ޕޮލިސްގެ ކުރީގެ ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް، ޢަލީ އަބްދުލް ރަހީމެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް، އިޢުތިމާދު އަޙްމަދު ސަޢީދު ވަނީ، ކޮޅުފުށީ ކައުންސިލަކީ ފުލުހުންނާއި އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ކައުންސިލެއްކަން ފާހަގަކުރައްވައި، ކައުންސިލަށް ޝުކުރު ދަންނަވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުންގެ މަސައްކަތްތަކަށް ކައުންސިލުގެ އެއްބާރުލެއްވުން ދެއްވާނެ ކަމުގައި އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކައުންސިލުގެ ރައީސް ޢަބްދުލް ޢަލީމް ވިދާޅުވީ، ފުލުހުންނަކީ ކުށުގެ ވެށިން މުޖުތަމަޢު ސަލާމަތްކޮށް ރައްކާތެރި އަމަންއަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބައެއްކަމަށާއި، މިއަދާއި ހަމައަށްވެސް ކޮޅުފުށްޓަކީ ކުށްމަދު ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭކަމުގައެވެ. އެގޮތުން، ކުރިޔަށްވުރެ ގިނަ ވަގުތުތަކުގައި ރަށުތެރެ ބެލެހެއްޓުމުގައި ފުލުން ހަރަކާތްތެރި ވަމުންދާތަން ފެންނަކަމުގައި ފާހަގަކުރައްވައި ވިދާޅުވީ، ރަށުތެރެ ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރި ވަމުންދާ މިންވަރު މިހާރަށްވުރެވެސް ބޮޑަށް އިތުރުކުރުމަށް ބޭނުންފުޅުވެލައްވާ ކަމުގައެވެ. އަދި ފުލުހުންނަކީ ޤާނޫނު ތަންފީޒު ކުރުމަށް ތިއްބަވާ ބައެއްކަމުން، ރައްޔިތުންނަށް ނަމޫނާ ދައްކަވާ ބައެއްކަމުގައި ފުލުހުން ވެލައްވަންޖެހޭ ކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ކޮޅުފުށީ ޕޮލިސް ސްޓޭޝަނަށް ޢައްޔަނު ކުރެއްވުނު ސްޓޭޝަން ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢީސާ ރަފީޢުގެ ބެއްލެވުމުގެ ދަށުން ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކީ ނަމޫނާ މަސައްކަތެއްކަން ފާހަގަކުރައްވައި، ކޮޅުފުށީގެ އެންމެހައި ރައްޔިތުންނާއި، ކައުންސިލްގެ އެންމެހައި މުވައްޒަފުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިންސްޕެކްޓަރ އޮފް ޕޮލިސް، ޢަލީ އަބްދުލް ރަހީމަށާއި، ކޮޅުފުށީ ޕޮލިސް ސްޓޭޝަން ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢީސާ ރަފީޢު އަށް ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސްގެ އަރިހުގައި ކައުންސިލް މެންބަރުންނާއި، ކައުންސިލް އެގްޒެކެޓިވް ޙަސަން ނާފިޒް ބައިވެރިވެލެއްވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އިންސްޕެކްޓަރ އޮފް ޕޮލިސް، އިޢުތިމާދު އަޙްމަދު ސަޢީދާއި، އިންސްޕެކްޓަރ އޮފް ޕޮލިސް، ޢަލީ އަބްދުލް ރަހީމާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢީސާ ރަފީޢުއެވެ.