މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ފަރާތުން 31 ޖުލައި 2022 ވީ އާދީއްތަ ދުވަހުގެ ރޭ ކޮޅުފުށީ ރައްޔިތުންނާއިއެކު ބައްދަލުވުން ބާއްވައިފިއެވެ. މިބައްދަލުވުން ކުރިއަށް ދިޔައީ ކޮޅުފުށީ ޕްރީސުކޫލު ހޯލުގައެވެ. މިގޮތުން މިބައްދަލުކުރެއްވުމުގައި ކައުންސިލުގެ ފަރާތުން ވަނީ 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލު އަދި 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންނާއި ހިއްސާކުރެވުނުވެ.
ރަށުގެ ރައްޔިތުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުގެ އިސްރައްވެހިން ބައިވެރިވި މިބައްދަލުވުމުގައި 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ލަފާކުރާ ބަޖޭޓާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުނެވެ. މިގޮތުން ރައްޔިތުންގެ ފަރާތުން މަސައްކަތު ތާވަލާއި ބަޖެޓުގައި ހިމެނުމަށް ބޭނުންވާ ކަންކަމަކީ ކޮބައިތޯ އޮޅުންފިލުވާފައިވާނެއެވެ. މީގެ އިތުރުން މިބައްދަލުވުމުގައި 2022 ވަނަ އަހަރުގެ ފާއިތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކައުންސިލުން ހިންގުމަށް ރާވާފައިވާ ހަރަކާތްތައް އަދި ފާއިތުވެދިޔަ 6 މަސްދުވަހުގެ ކައުންސިލްގެ މާލީ ހިސާބުތައް ރައްޔިތުންނާއި ހިއްސާކުރެވުނެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުގެ ރައީސް ވިދާޅުވީ ކުރިއަށް އޮތް 2023 ވަނަ އަހަރަކީ ނަތީޖާ ނެރެވޭނެ އަހަރެއްކަމަށް އުންމީދު ކުރައްވާކަމަށާއި ރައްޔިތުންނާއި ގާތުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ރާއްވަވާފައިވާ ކަމަށެވެ.