މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ

19 ޖަނަވަރީ 2023      1 year ago


2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ

2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުވަހުގެ ރަސްމީ ޖަލްސާ އޮތީ، މިއަދު (26 ޑިސެމްބަރ 2022) ހެނދުނު މ.އަތޮޅު މަދަރުސާގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދައުލަތުގެ ވަޒީރުންނާއި، މަޖިލީހުގެ މެމްބަރުން، ކޮޅުފުށީ ކައުންސިލުގެ މުވައްޒަފުންނާއި، ކޮޅުފުށީ އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި، ކޮޅުފުށީގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އަދި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ޚާއްސަކޮށް ދައުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުންނާއި، ކޮޅުފުށީގެ ކުދިބޮޑު އެންމެހާ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
 

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ހޭދަ ކުރެއްވި ކޮންމެ ދުވަހަކީ، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި ދުވަހެއް ކަމަށެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ވިސްނިވަޑައިގަތީ މުޖްތަމަޢުގައި ޞުލްޙަ ޤާއިމުކުރުމާއި، ދިވެހިން އެއްބައިވަންތަކޮށް، އެކުވެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ. އަދި އެއްބައިވަންތަކަން ޤާއިމްކުރެވޭނީ، ޚިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް ހަމަހަމަކަން ޤާއިމުކޮށްގެން ކަމަށާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިސަރުކާރުން ފެށި ކޮންމެ މަޝްރޫޢެއްގެ އަމާޒަކީވެސް، ވަކި ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށް ދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މައްޗަށާއި އެދުވަހު ދިވެހިރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމުގެ މައްޗަށް އަދި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގައި ސަލާމަތީ ޚިދުމަތްތަކުން ކުރި ބުރަ އަދި އަގުހުރި މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ސުނާމީ ކާރިސާގައި އެމަނިކުފާނާއި އާއިލާ ކުރަންޖެހުނު ތަޖުރިބާތައްވެސް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.މީގެ އިތުރުން މިޖަލްސާގައި ވަނީ، ކޮޅުފުށީގައި ހަދާފައިވާ ސުނާމީ ކާރިސާގެ ހަނދާނީ ބިނާގެ މޮޑެލްއެއް މ.ކޮޅުފުށީ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.
މިޖަލްސާގައި ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ އާއި ރައްޔިތުން މަޖިލީހުގެ މުލަކުދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާހިމް ނަޞީރު ވާހަކަފުޅު ދެއްކެވިއެވެ.

މި ޖަލްސާގައި ކޮޅުފުށީ ރައްޔިތެއްގެ ފަރާތުން ވާހަކަފުޅު ދެއްކެވީ މ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލް ހަސަން މާހިރުއެވެ. އެބޭފުޅާގެ ވާހަކަފުޅުގައި ސުނާމީ ކާރިސާއާއި ގުޅިގެން ވޭތުވެދިޔަ އަހަރުތަކުގައި އެކި ގޮތްގޮތުން ކޮޅުފުށްޓައް ދިމާވި ގޮންޖެހުންތަކަށް އަލިއަޅުވާލެއްވިއެވެ.

މި ޖަލްސާގައި ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ކޮޅުފުށީ ކައުންސިލްގެ ރައީސް އަބްދުލްއަލީމެވެ. ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ވަރަށް އަވަދިނެތިކޮށް އުޅުއްވަމުންވެސް މި ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންދެއްވިކަމަށްޓަކާ ޝުކުރުދަންނަވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން 2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ތައްޔާރީތައް ވުމުގައި އަމަލީގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ކައުންސިލުގެ ނަމުގައި ޝުކުރު ދެންނެވިއެވެ.