މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.އަތޮޅު ކޮމާންޑަރ، މުލަކަތޮޅު ކޮޅުފުށީ ކައުންސިލާ ބައްދަލުކުރައްވައިފި

2 ފެބްރުއަރީ 2023      1 year ago


މ.އަތޮޅު ކޮމާންޑަރ، މުލަކަތޮޅު ކޮޅުފުށީ ކައުންސިލާ ބައްދަލުކުރައްވައިފި

މ.އަތޮޅު ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް އިޢުތިމާދު އަޙްމަދު ސަޢީދު ކޮޅުފުށީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި މި ބައްދަލުކުރެއްވުމަކީ ކޮޅުފުށީ ޕޮލިސް ސްޓޭޝަންގެ އާ އިންޗާޖު ތަޢާރަފްވެލެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މ.އަތޮޅު ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް އިޢުތިމާދު އަޙްމަދު ސަޢީދު ވަނީ، ކޮޅުފުށީ ކައުންސިލަކީ ފުލުހުންނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ކައުންސިލެއްކަން ފާހަގަކުރައްވައި، މިކަމަށްޓަކައި ކައުންސިލަށް ޝުކުރު ދަންނަވައިފައެވެ. އަދި މުސްތަޤުބަލުގައިވެސް ފުލުހުންގެ މަސައްކަތަށް ކައުންސިލުން އެއްބާރުލެއްވުން ދެއްވާނެ ކަމުގައި އުއްމީދުކުރައްވާ ކަމުގައިވެސް އިންސްޕެކްޓަރ އޮފް ޕޮލިސް އިޢުތިމާދު އަޙްމަދު ސަޢީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ކުށުގެ ވެއްޓަށް އަލަށް ނިކުންނަ ޒުވާނުންގެ އަދަދު ކޮޅުފުށީގައި މަދުވެފައިވަނީ ޕޮލިހުންގެ ބުރަ މަސައްކަތުން ކަމަށާއި، ކޮޅުފުށި އަމާންތަނަކަށް ހެދޭނީ ފުލުހުންނާއި، ކައުންސިލާއި އަދި އެހެނިހެން މުއައްސަސާތަކައި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި ވިދާޅުވިއެވެ. އަދި މިހާރަށްވުރެ ބޮޑަށް ރަށުތެރޭގެ އަމަންއަމާންކަމާއި ގުޅޭ ކަންކަން ބައްލަވައި ދިނުމަށް ޕޮލިހުންގެ ފަރާތުން އެދިލައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ. މިބައްދަލުވުމުގައި ފުލުހުން ވަނީ ކައުންސިލަށް 2023 ވަނަ އަހަރުގެ ކަލަންޑަރ ހަދިޔާކުރައްވާފައެވެ.