މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކޮޅުފުށީ ކައުންސިލާ ބައްދަލުކުރައްވައިފި

29 މެއި 2023      10 months ago


މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކޮޅުފުށީ ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މ.ކޮޅުފުއްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިދަތުރުފުޅުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްބޭފުޅުން ބައިވެރިވެލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ކޮޅުފުށީގެ މުއައްސަސާތަކުގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަން އުފަލާއެކު ފާހަގަކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ކޮޅުފުއްޓަކީ ކުށްމަދު މުޖުތަމައެއް ކަމަށާއި، ކޮޅުފުށީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެވެސް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެ މުހިންމުކަމާއި ގުޅޭގޮތުން މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.  

މިބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަ ފުޅުގައި، ކޮޅުފުއްޓަށް ދިމާވާ ކުށުގެ މައްސަލަތައް ހައްލު ކުރުމަށް ފުލުހުންގެ ދައުރު ރަނގަޅު ކުރުމަށްޓަކައި ފުލުހުން މަސައްކަތް ކުރައްވާނެކަމަށާއި، ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް ފުލުހުން ދެމުންގެންދާ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކޮޅުފުއްޓަކީ ކުށްމަދު ރަށެއްކަން ފާހަގަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ކޮޅުފުށީ ކައުންސިލަކީ ކޮޅުފުށީގައި ތިއްބަވާ ފުލުހުންނާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކައުންސިލެއްކަން ފާޙަގަކުރެވޭ ކަމަށާއި، އެކަމުގެ ސަބަބުން ފުލުހުންގެ މަސައްކަތްތަކަށް ލުއިފަސޭހަތަކެއް ލިބެގެންދާ ކަމަށެވެ. އަދި އެކަމަށްޓަކާ ކޮޅުފުށީ ކައުންސިލުގެ އެންމެހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ކޮޅުފުށީ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަ ފުޅުގައި، ކުށުގެ ވެއްޓަށް އަލަށް ނިކުންނަ ޒުވާނުންގެ އަދަދު ކޮޅުފުށީގައި މަދުކަމަށް ފާހަގަކުރެއްވޭ ކަމަށާއި، ކޮޅުފުށި އަމާންތަނަކަށް ހެދޭނީ ފުލުހުންނާއި، ކައުންސިލާއި، ކޮޅުފުށީގެ މުއައްސަސާތަކާއި އަދި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި ވިދާޅުވިއެވެ. އަދި މިހާރަށްވުރެ ބޮޑަށް ރަށުތެރޭގެ އަމަންއަމާންކަމާއި ގުޅޭ ކަންކަން ބައްލަވައި ދިނުމަށް ޕޮލިހުންގެ ފަރާތުން އެދިލައްވާ ކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކޮޅުފުށީގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ކައުންސިލްގެ ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ކޮޅުފުށީގައި ފުލުހުން ޤާއިމްވެ ތިއްބަވާ އިމާރާތާއި، އިންސާނީ ވަޞީލަތް އިތުރުކުރުމާއި ގުޅޭގޮތުންނާއި އަދި ފުލުހުންގެ ޚިދުމަތް ކޮޅުފުށީގައި ދިނުމަށް ވެހިކަލްގެ މުހިންމުކަމާއި ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.