މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކައުންސިލުން 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

11 ޖުލައި 2023      9 months ago


ކައުންސިލުން 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ފަރާތުން 10 ޖުލައި 2023 ވީ ހޯމަ ދުވަހުގެ ރޭ ކޮޅުފުށީ ރައްޔިތުންނާއިއެކު ބައްދަލުވުން ބާއްވައިފިއެވެ. މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރަކު ޖުލައިމަހުގެ ތެރޭގައި ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުން ބާއްވާފައިވަނީ ކޮޅުފުށީ ޕްރީސުކޫލު ހޯލުގައެވެ. މިގޮތުން މިބައްދަލުކުރެއްވުމުގައި ކައުންސިލުގެ ފަރާތުން ވަނީ 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލު އަދި 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންނާއި ހިއްސާކޮށްފައެވެ.

ރަށުގެ ރައްޔިތުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުގެ އިސްރައްވެހިން ބައިވެރިވި މިބައްދަލުވުމުގައި 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުނެވެ. މިގޮތުން ރައްޔިތުންގެ ފަރާތުން މަސައްކަތު ތާވަލާއި ބަޖެޓުގައި ހިމެނުމަށް ބޭނުންވާ ކަންކަމަކީ ކޮބައިތޯ އޮޅުންފިލުވާފައިވާނެއެވެ. މީގެ އިތުރުން މިބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ފާއިތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކައުންސިލުން ހިންގުމަށް ރާވާފައިވާ ހަރަކާތްތައް އަދި ފާއިތުވެދިޔަ 6 މަސްދުވަހުގެ ކައުންސިލްގެ މާލީ ހިސާބުތައް ރައްޔިތުންނާއި ހިއްސާކުރެވުނެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުގެ ރައީސް ވިދާޅުވީ ކުރިއަށް އޮތް 2024 ވަނަ އަހަރަކީ ނަތީޖާ ނެރެވޭނެ އަހަރެއްކަމަށް އުންމީދު ކުރައްވާކަމަށާއި ރައްޔިތުންނާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ރާވައިފައިވާ ކަމަށެވެ.