މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ފުލުހުންގެ އާ ކޮމާންޑަރާއި މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން ބައްދަލުކުރެއްވުން

10 އޮގަސްޓް 2023      8 months ago


މުލަކަތޮޅު ފުލުހުންގެ އާ ކޮމާންޑަރާއި މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން ބައްދަލުކުރެއްވުން

މުލަކަތޮޅު ޕޮލިސްގެ އާ ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް ނިޝާމް އަޙްމަދު ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. ކޮޅުފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވެވި މި ބައްދަލުކުރެއްވުމަކީ އާ އެޓޯލް ކޮމާންޑަރ ތަޢާރަފްވެލެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ. މިގޮތުން އާ އެޓޯލް ކޮމާންޑަރ ތަޢާރަފްކޮށްދެއްވީ މުލަކަތޮޅު ޕޮލިސްގެ ކުރީގެ ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް އިޢުތިމާދު އަޙްމަދު ސަޢީދު އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް، އިޢުތިމާދު އަޙްމަދު ސަޢީދު ވަނީ، ކޮޅުފުށީ ކައުންސިލަކީ ފުލުހުންނާއި އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ކައުންސިލެއްކަން ފާހަގަކުރައްވައި، ކައުންސިލަށް ޝުކުރު ދަންނަވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އާ ކޮމާންޑަރާއި ގުޅިގެން ފުލުހުންގެ މަސައްކަތްތަކަށް ކައުންސިލުގެ އެއްބާރުލެއްވުން ދެއްވާނެ ކަމުގައި އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކައުންސިލުގެ ރައީސް ޢަބްދުލް ޢަލީމް ވިދާޅުވީ، ފުލުހުންނަކީ ކުށުގެ ވެށިން މުޖުތަމަޢު ސަލާމަތްކޮށް ރައްކާތެރި އަމަންއަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބައެއްކަމަށާއި، މިއަދާއި ހަމައަށްވެސް ކޮޅުފުށްޓަކީ ކުށްމަދު ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމުގައެވެ. އަދި އެއީ ފުލުހުންނާއި އާންމުރައްޔިތުން ގުޅިގެން ކުރެވުނު މުހިއްމު މަސައްކަތްތަކެއްގެ ނަތީޖާކަމުގައި ވިދާޅުވިއެވެ. އެގޮތުން، ކުރިޔަށްވުރެ ގިނައިން  ރަށުތެރެ ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރި ވަމުންދާތަން ފެންނަކަމުގައި ފާހަގަކުރައްވައި ވިދާޅުވީ، ރަށުތެރެ ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރި ވަމުންދާ މިންވަރު މިހާރަށްވުރެވެސް ބޮޑަށް އިތުރުކުރުމަށް ބޭނުންފުޅުވެލައްވާ ކަމުގައެވެ. އަދި ކުރިޔަށް މިއޮތް ރިޔާސީ އިންތިޚާބު އަމަންއަމާން ކަމާއިއެކު ގެންދިއުމަށްޓަކައި ފުލުހުން މުހިއްމު ދައުރެއް އަދާކުރައްވަން ޖެހޭކަމަށް ދެކިލައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންނަކީ ޤާނޫނު ތަންފީޒު ކުރުމަށް ތިއްބަވާ ބައެއްކަމުން، ރައްޔިތުންނަށް ނަމޫނާ ދައްކަވާ ބައެއްކަމުގައި ފުލުހުން ވެލައްވަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން މަދު ފުލުންނާއި އެކުވެސް، ކޮޅުފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކީ ނަމޫނާ މަސައްކަތެއްކަން ފާހަގަކުރައްވައި، ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސްގެ އަރިހުގައި ކައުންސިލް މެންބަރުންނާއި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެލެއްވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އިންސްޕެކްޓަރ އޮފް ޕޮލިސް ނިޝާމް އަޙްމަދާއި، އިންސްޕެކްޓަރ އޮފް ޕޮލިސް، އިޢުތިމާދު އަޙްމަދު ސަޢީދާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢީސާ ރަފީޢު އަދި ސާޖަންޓް އަލީ ނަދީބުއެވެ.