މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ދަނޑުވެރިކަމާއި، ފެނުގައި ގަސް ހައްދަން ދަސްކޮންދިނުމުގެ ޕްރޮގްރާމް ފަށައިފި

4 މެއި 2024      2 weeks ago


ދަނޑުވެރިކަމާއި، ފެނުގައި ގަސް ހައްދަން ދަސްކޮންދިނުމުގެ ޕްރޮގްރާމް ފަށައިފި

ކޮޅުފުށީގެ ރައްޔިތުންނަކީ ފުދުންތެރި ދިރިއުޅުމެން އުޅޭބަޔަކަށް ހެދުމަށް ކޮޅުފުށީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމާއި، ފެނުގައި ގަސް ހައްދަން ދަސްކޮންދިނުމުގެ ޕްރޮގްރާމެއް ކޮޅުފުށީގައި ފަށައިފިއެވެ. ދަނޑުވެރި ކަމުގެ މި ޕްރޮގްރާމަކީ ކޮޅުފުށީ ކައުންސިލާއި، މުލަކައަތޮޅު އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މޭ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އެއްހަފުތާގެ މުއްދަތަށް ހިންގޭ މި ޕްރޮގުރާމުގައި ދަނޑުވެރިކަމުގެ ތިއަރީ ބަޔާއި، އަމަލީބައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ސާޅީސްއެއް ބައިވެރިންނާއި އެކު ފެށުނު މިޕްރޮގުރާމުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގެ އެގްރިކަލްޗަރ އޮފިސަރ ޒަކަރިއްޔާ އިބުރާހީމް އެވެ.

ދަނޑުވެރިކަމުގެ ޕްރޮގުރާމު ފެށުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުލަކަތޮޅު އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނިޔާޒު ވިދާޅުވީ މި ޕްރޮގުރާމުގެ ފައިދާ ފެނިގެން ދާނީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިގެންކަމަށެވެ. އަދި ކޮޅުފުއްޓަކީ މުސްތަގުބަލުގައި މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ރަށެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ފެސިލިޓޭޓަރ ޒަކަރިއްޔާ އިބުރާހީމް ވިދާޅުވީ މިޕްރޮގުރާމުގެ ސަބަބުން، ދަނޑުވެރި ކަމުގައި ބޭނުން ކުރެވޭ ކެމިކަލް ފަދަ ތަކެތި ރައްކާތެރި ގޮތުގައި ބޭނުން ކުރުމުގެ އުކުޅުތަކާއި، ބަޔޯޑިގްރޭޑަބަލް މެޓީރިއަލްސް ބޭނުންކޮންގެން ގަސްހެއްދުމުގެ މުހިއްމުކަށް އެނގިގެންދާނެކަމަށެވެ. މީގެ އިތުރުން ކައުންސިލްގެ ނާއިބު ރައީސް އާދަމް ފަޔާޟުގެ ވާހަކަފުޅުގައި، މި ޕްރޮގުރާމުގެ ސަބަބުން ދަނޑުބިން ނަންގަވައިގެން އުޅުއްވާފަރާތްތަކަށް މަސައްކަތް ފުޅާދާއިރާއެއްގައި ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ގޯތީގައި އޮންނަ ހުސްޖާގައި، ފެނުގައި ހެއްދޭގަސް ހައްދައިގެން ކުރިއެރުން ހޯދޭނެކަމަށް ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި، ފެނުގައި ގަސް ހައްދަން ދަސްކޮންދިނުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ކޮޅުފުށީ ކައުންސިލްގެ މެންބަރުންނާއި އިސްވެރިން ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން މުލަކަތޮޅު އަތޮޅު ކަންސިލްގެ އިސްވެރިންބައިވެރިވެ ލައްވަފައިވެއެވެ.